ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އިންސާނީ ޙައްޤެއް ނޯންނާނެ ކަމަށް ވިދާޅުވެ، ތ. ގުރައިދޫގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ދެއްކެވި ވާހަކަފުޅު ތަހުޤީގު ކުރުމަށް ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ.
ތ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް އޮތް މީހެއްގެ އެއްވެސް އިންސާނީ ޙައްޤެއް ނޯންނާނެ ކަމަށެވެ. އަދި އަދީބާއި އެމަނިކުފާނާދެމެދު ހިނގާފައިވަނީ "އަމިއްލަ ކަމެއް" ކަމަށާއި އެކަން ހަނދާން ނައްތާލާފައި ބޭސްފަރުވާއަށް ފޮނުވުމަށް ތައްޔާރަށް ހުރި ކަމަށެވެ. އެހެން ނަމަވެސް ދައުލަތުން ނެގި ފައިސާ އަނބުރާ ދޭންޖެހޭ ކަމަށެވެ.
"ދައުލަތުން ނެގި ފައިސާ އަނބުރާ ދިނިއްޔާ ނޫނީ ކިތަންމެ ބަލިވި ނަމަވެސް އޭނަގެ އިންސާނީ ޙައްޤެއް ނޯންނާނެ. އެކަމެއް އަޅުގަނޑެއް ޤަބޫލެއް ނުކުރާނަން. މިކަމަ އިންސާނީ ޙައްޤުތަށް ހިމާޔަތްކުރާ ވާހަކަ މިދައްކަނީ"، ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅު ތަހުޤީގުކޮށް ދިނުމަށް އެދި އަދީބުގެ ޤާނޫނީ ވަކީލުންގެ ފަރާތުން، އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އަދީބަށް ސިއްޙީ މައްސަލަތަކެއް ކުރިމަތިވުމުގެ ސަބަބުން، އަދި ކުރިމަތިވި ސިއްޙީ މައްސަލަތަކަށް ރާއްޖެއިން ފަރުވާކުރެެން ނެތުމުގެ ސަބަބުން ތަފާތު އެކިއެކި ފަހަރު މަތިން ރާއްޖެއިން ބޭރުން ފަރުވާހޯދުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ. އަދީބަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި މިހާރުން މިހާރަށް ފަރުވާނުކުރެވިއްޖެނަމަ ފުރާނައަށް ގެއްލުންވާފަދަ ސިއްޙީ މައްސަލަތަކާއި، ލޮލުގެ ފެނުން ގެއްލިގެންދާފަދަ ސިއްޙީ މައްސަލަތަކެއް ހިމެނޭ ކަމަށްވެސް ބުނެފައި ވެއެވެ.
"ބޭސްފަރުވާކުރުމުގެ ޙައްޤަކީ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި އަދި އޭގެ ދަށުން ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކުންވެސް ލިބިދިނުން ލާޒިމް އަސާސީ ޙައްޤަކަށް ވާއިރު، އަޅުގަނޑުގެ މުވައްކިލުގެ ކިބައިން މިޙައްޤު ނިގުޅައިގަނެވޭނެ އެއްވެސް ޙާލަތެއް، އަދި އެ ޙައްޤު ނިގުޅައިގަތުމުގެ ބާރު އެއްވެސް މީހަކަށްވެސް ލިބިގެން ނުވެއެވެ."، އަދީބުވެ ވަކީލުންގެ ސިޓީގައި ވެއެވެ.
އެ ސިޓީގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގައި މިވަގުތު އުފެދިފައިވާ ސަރުކާރު ހިނގަމުންދާ ގޮތަށްބަލާއިރު، މުޅި ދައުލަތް ހިނގަމުން ދަނީ ޚުދުމުހުތާރު ވެރިކަމެއްގެ ގޮތުގައި ކަމަށާއި، ދައުލަތުގައި މޮޔަ ސިފަ ޖައްސާ، ދައުލަތް ހިންގުން ވަނީ ހަރާބުކޮށްފައި ކަމަށެވެ.
އަދި ރައީސް ޔާމީން ފާޅުކަންބޮޑު ގޮތެއްގައި އިންސާނީ ޙައްޤެއް ނޯންނާނެ ކަމަށާއި، އަދީބު ޖަލަށްލެވި އެކަހެރި ކުރެވިފައިވަނީ ރައީސް އެމަނިކުފާނުގެ ޒާތީ ސަބަބަކަށްޓަކައިކަން ފާޅުގައި ރައްޔިތުންނަށް ހާމަކުރަމުން އަންނަ ކަމަށްވެސް އެ ސިޓީގައި ވެއެވެ.
"ރައީސް ޔާމީންގެ ވާހަކައިން ކަށަވަރު ކުރެވޭކަމަކީ ޑޮކްޓަރުންގެ ލަފައާ އެއްގޮތަށް އަޅުގަނޑުގެ މުވައްކިލަށް ފަރުވާލިބެމުން ނުދާ ސަބަބަކީ ސީދާ ރައީސް ޚުދުމުހުތާރުކަމެވެ. ޤާނޫނުތަކާ ޚިލާފަށް އެކަހެރިކޮށް އިންސާނަކު ނުގެންނަ ގޮތަށް ބަންދުކޮށް ގެންގުޅެނީ ސީދާ ރައީސް ޔާމީންގެ އޯޑަރަށްކަން ސާފުކޮށް އިނގެއެވެ."، އެ ސިޓީގައި ބުނެފައި ވެއެވެ.
އަދި ބޭސްފަރުވާއަށް ދެވޭނީ ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް މިހާތަނަށް އަދީބުގެ މައްޗަށް އެއްވެސް ކޯޓަކުން ދައުލަތަށް ފައިސާ ދެއްކުމަށް ހުކުމްކޮށްފައިވާ ނުވާކަން ސިޓީގައި ފާހަގަކޮށްފައި ވެއެވެ.
އަދީބުގެ ވަކީލުންގެ ސިޓީގައި އަދީބު ބޭސްފަރުވާއިން މަހުރޫމްކޮށް އިންސާނީ ޙައްޤަށް އަރައިގަތުމަކީ ޖިނާޢީ ކުށަކަށް ވާތީ އާއި އެކަންކަން ކުރެއްވުމުގައި އެންމެ އިސްކޮށް ހުންނެވީ ރައީސް ޔާމީން ކަމަށް އަމިއްލަފުޅު އިއުތިރާފުން އެގެން އޮންނަކަން ފާހަގަކޮށް އެމައްސަލަ ތަހުގީގުކޮށް ދިނުމަށް އެދިފައިވެއެވެ.