ފުލުހުންގެ ޤާނޫނުން ރައީސަށް ލިބި ދީފައިވާ ބާރާއި އިޚްތިޔާރުގެ ދަށުން ފުލުހުންގެ ތެރެއަށް މުޅިން އަލަށް ތަޢާރަފު ކުރާ ސްޕެޝަލް ކޮންސްޓަބްލަރީ އާ ގުޅޭ ގޮތުން މަޢުލޫމާތި ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި އެވެ.
ރޭ އިސްކަންދަރު ބިލްޑިންގައި މިކަމަށްޓަކައި އޮތް ޚާއްޞަ ބައްދަލުވުމެއްގައި މިމަޢުލޫމާތު ދީފައިވަނީ މިކަމަށް ހާޒިރުވި ފަރާތްތަކަށެވެ.
މިގޮތުން ދެވުނު މަޢުލޫމާތަކީ ސްޕެޝަލް ކޮންސްޓަބްލަރީ އަކީ ކޮބައި ކަމާއި، މިވަޒީފާ އަށް މީހުން ނަގާނެ ގޮތާއި އަދި ވަޒީފާ އަދާ ކުރަން ޖެހޭ ގޮތާއި، މިވަޒީފާގައި މުވައްޒަފުންނަށް ހުރި އިނާޔަތްތަކާއި، ވަަޒީފާގައި ހޭދަ ވާނެ ގަޑިތަކާއި، މުވައްޒަފުންނަށް ހުރި ފުރުޞަތުތަކާ ގުޅޭ ގޮތުންނެވެ.
ދުނިޔޭގެ އެހެން ތަހުޒީބު ޤައުމުތަކުގައިވެސް އޮންނަ ފަދައިން ސްޕެޝަލް ކޮންސްޓެބެލެރީ އެއް ރާއްޖޭގައި އުފެއްދުމަށް ނިންމުމާއެކު މިކަމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު ވަނީ ހުޅުވާލާފަ އެވެ.
މިއީ މުޅިން އަލަށް ރާއްޖޭގައި ފަށާ ކަމަކަށްވުމާ އެކު މިކަމުގެ މަޢުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ލިބިި ދިނުމަކީ މުހިއްމު ކަމެއް ކަމުގައި މޯލްޑިވްސް ޕޮލިސް ސަވިސް އިން ދެކެ އެވެ.
ސްޕެޝަލް ކޮންސްޓަބަލުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި ގެޒެޓްކުރެވުމާއެކު ގިނަ ޢަދަދެއްގެ ޒުވާނުން މިވަޒީފާއަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު މިވަޒީފާއި ގުޅޭ ގޮތުން އެފަރާތްތަކުން އޮޅުން ފިލުވަން ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ރޭ އިސްކަންދަރު ބިލްޑިންގައި ބޭއްވި މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ގިނަ ޢަދަދެއްގެ ޒުވާނުން ބައިވެރިވެ އެފަރާތްތަކުން އޮޅުން ފިލުވަން ބޭނުންވާ މަޢުލޫމާތުތައް އޮޅުން ފިލުވާފައިވެއެވެ. މިސެޝަނުގައި މަޢުލޫމާތު ފޯރުކޮށްދެއްވީ ހިއުމަން ރިސޯސް ޑިޕާރޓްމަންޓުގެ ޑެޕިއުޓީ ހެޑް ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އަޙުމަދު މުސްލިމް އެވެ.
ތިރީގައި މިވަނީ ސްޕެޝަލް ކޮންސްޓަބަލަރުންނާއި ގުޅޭ ބައެއް ސުވާލާއި ޖަވާބެވެ.
* ސްޕެޝަލް ކޮންސްޓަބަލުންނަކީ ކޮބާ؟
ސްޕެޝަލް ކޮންސްޓަބަލުންނަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވެގެން ގޮވާލެވޭ ހިނދެއްގައި ފުލުހުންގެ ވަޒީފާއަށް ނުކުމެ އެފަރާތަކާއި ހަވާލުކުރެވޭ ޚާއްސަ ވަކި މަސައްކަތެއް ކަނޑައެޅޭ މުއްދަތަކަށް އަދާކުރުމަށްޓަކައި ތައްޔާރުކުރެވޭ މުވައްޒަފުންނެވެ. މިއީ ފުލުހުންގެ “ރިޒާވް ފޯސް” އޭ ވެސް ކިޔަނީ މިހެންވެއެވެ.
* ޑިއުޓީ އާއި އިނާޔަތްތައް؟
ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ ކޮމިޝަނަރ އޮފް ޕޮލިސް ހަވާލުކުރާ ފަރާތެއްގެ ބެލުމުގެ ދަށުން ސްޕެޝަލް ކޮންސްޓަބަލުން މަސައްކަތްކުރާނީ ކަނޑައަޅާ ވަކި ގަޑިތަކެއްގައެވެ. ސްޕެޝަލް ކޮންސްޓެބެލެރީގެ މުވައްޒަފުންނަށް ފުލުހުންގެ އިޚްތިޔާރު ލިބޭނީވެސް ހަމައެކަނި ވަޒީފާ އަދާކުރާ މުއްދަތުގައި ޑިއުޓީ ފެށިގެން ނިމެންދެނެވެ.
މިގޮތަށް މަސައްކަތް ކުރާ ކޮންސްޓަބަލުންނަށް ފުލުހުންގެ ޤާނޫނުގެ ދަށުން ލިބިދޭ ބާރުގެ ބޭނުންކުރުން ފިޔަވައި ޢާންމު އެހެން އިހްތިޔާރު ތަކަކާއި އިނާޔަތްތައް ހަމަޖެހިފައިވާ އުސޫލުން ޑިއުޓީގެ މުއްދަތުގައި ފޯރުކޮށް ދެވޭނެ އެވެ. އޭގެ ތެރޭގައި ކެއިން ބުއިމާއި އެކޮމެޑޭޝަން އަދި ބަލިވެއްޖެނަމަ ބޭސްފަރުވާ ކުރުން ފަދަ ކަންކަން ތަމްރީނުގެ މުއްދަތުގައާއި ރަސްމީ ޑިއުޓީގައި ފޯރުކޮށް ދެވޭނެ އެވެ. އެހެން ނަމަވެސް ޓްރޭނިންގެ މުއްދަތުގައި މި ގޮތަށް މަސައްކަތްކުރާ ފަރާތްތަކަށް މުސާރައެއް ނުލިބޭނެ އެވެ.
* ސްޕެޝަލް ކޮންސްޓަބަލަކަށް ވެވޭނީ ކިހިނެތް؟
ސްޕެޝަލް ކޮންސްޓަބަލުން ހޮވުމުގެ މަސައްކަތް ކުރިއަށްދާނީ ހަރުފަތްތަކަކަށް ބެހިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ މަރުހަލާގައި މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކުގެ މެދުގައި އިސްކޮޅާއި ބަރުދަން ބެލުމަށް ސްކްރީން ކުރެވޭނެއެވެ. ފުރަތަމަ ބާއްވާ ސްކްރީން ޓެސްޓުން ފާސްވާ ހުރިހާ ފަރާތްތަަކަށް ދެން އޮންނާނީީ ޢާންމު މަޢުލޫމާތާއި ދިވެހި ބަހާއި އިނގިރޭސި ބަހާއި ހިސާބުން ދެވޭ އިމްތިހާނެކެވެ.
މި އިމްތިހާނުން ފާސްވާ ހުރިހާ ފަރާތްތަކުން ދެން ފުރިހަމަކުރަންޖެހޭނީ ފިޒިކަލް ޓެސްޓެކެވެ. މިބައިގައި ފެތުމާއި، ދުވުން، ޕުޝްއަޕްސް، ސިޓްއަޕްސް ކަނޑައެޅޭ ވަގުތެއްގައި ވަކި މިންގަނޑަކަށް ފުރިހަމަ ކުރަން ޖެހޭނެ އެވެ. އަދި މިޓެސްޓުން ފާސްވުމުން އިންޓަރވިއުކުރެވި މެޑިކަލް ސްކްރީނިންގ އެއް ހެދުމަށްފަހު އެއިން ފާސްވާ ފަރާތްތައް ޕޮލިސް ސްޕެޝަލް ކޮންސްޓްލަރީގައި ރެޖިސްޓްރީ ކުރެވޭނެ އެވެ.
* ތަމްރީނު ފުރިހަމަ ކުރުމާއި ހުވާކުރުން އަދި ފުލުހުންގެ ޔުނިފޯމް ބޭނުން ކުރުން
ސްޕެޝަލް ކޮންސްޓަބަލުންނަކީ ވެސް ފުލުހުން ފަދައިން މުޖުތަމަޢުގެ ތެރެއަށް ނުކުމެ ފުލުހުންގެ މަސްޢޫލިއްޔަތު އަދާކުރާނެ ބަޔަކަށްވާތީ ފުލުހުންނަށް ދެވޭ އަސާސީ ތަމްރީނާއި އެއްފަދަ ތަމްރީނެއް ސްޕެޝަލް ކޮންސްޓަބަލުންނަށްވެސް ދެވޭނެއެވެ. ސްޕެޝަލް ކޮންސްޓެބެލަރުން މިތަމްރީނު ފުރިހަމަކުުރުމަށްފަހު ފުލުހުން ރަސްމީ ޑިއުޓީތަކަށް ނުކުތުމުގެ ކުރިން ފުލުހުންގެ ހުވާކުރާނެއެވެ. މި ގޮތަށް މަސައްކަތްކުރާ ފުލުހުންވެސް ރަސްމީ ޑިއުޓީތަކުގައި ބޭނުންކުރާނީ ފުލުހުންގެ ވޯރކިންގ ޑްރެސްއެވެ. އެ ޔުނިފޯރމާއެކު ސްޕެޝަލް ކޮންސްޓަބްލަރުންކަން އެނގޭނެހެން ރޭންކް ދެވިފައި ވާނެ އެވެ.
* ސްޕެޝަލް ކޮންސްޓަބަލަކަށްވާންވީ ކީއްވެ؟
ސްޕެޝަލް ކޮންސްޓަބަލަކަށް ވުމުން ވަރަށް ގިނަގުނަ ފައިދާތަކެއް ލިބިގެން ދާނެ އެވެ. އެންމެ މުހިއްމު ކަމަކީ އެހެން ވަޒީފާއެއްގައި އުޅެމުން ވެސް ސްޕެޝަލް ކޮންސްޓަބަލަކަށް ވުމުގެ ފުރުޞަތު އޮތުމެވެ.
އެގޮތުން ވަޒީފާ އަދާ ކުރާތަނުގެ އިޢުތިރާޒެއް ނެތްނަމަ މިމަޤާމު އަދާ ކުރެވި ދާނެ އެވެ. ހަމައެއާ އެކު ފުލުހުންގެ ބޮޑު ޢާއިލާގެ މެމްބަރަކަށްވުމުން ލިބޭ ހިތްހަމަޖެހުމާއި ފުލުހުންގެ ތަމްރީނުތަކުން ފިލާވަޅުތައް ދަސްވުމާއި އަދި ވަޒީފާގެ މާހައުލުގެ ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުޞަތު އޮތުމަކީ ކޮންމެ މީހަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ހަމަމިއާ އެކު ކުރިއަށް އޮތްތަނުގައި ސްޕެޝަލް ކޮންސްޓަބަލުން ތަމްރީނު ވެގެން ދިއުމުން ފުލުހުންގެ ރަސްމީ ވަޒީފާއިން ހުސްވާ މަޤާމު ތަކަށް މީހުން ނަގަމުންދާނީ މިފޯސްގެ ތެރެއިން ކަަމަށްވުމާއެކު ފުލުހުންގެ ރަސްމީ ވަޒީފާއާއި ގުޅުމުގެ ފުރުޞަތުވެސް ހުޅުވިގެންދެ އެވެ. އަދި މިއީ ގްރޭޑް 10 ނިންމާފައިވާ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު އޮތް ވަޒީފާއެކެވެ.