ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ، އަންހެނުންނާއި ކުޑަކުދިންގެ ހުރިހާ ބަލިތަކަށް ފަރުވާ ދެވޭވަރުގެ ޚާއްޞަ ހޮސްޕިޓަލެއް ރާއްޖޭގައި ޤާއިމުކުރައްވާނެކަމުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށާއި ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރެއްވުމުގެ ގޮތުން މި ސަރުކާރުގެ ވޭތުވެދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި 700 އަށްވުރެ ގިނަ ކްލާސް ރޫމް އަޅުއްވައި ދެއްވައިފައިވާ ކަމަށެވެ. އަދި އަތޮޅުތެރޭގައި މިހާތަނަށް ބިނަކުރި އެންމެ ބޮޑު ސްކޫލް ބިނާ ކުރެއްވީވެސް މިސަރުކާރުންކަން ފާހަގަކުރެއްވިއެވެ.
ޞިއްޙީ ދާއިރާއަށް އަލި އަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ މިހިނގާ ދައުރުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ފޮނުއްވާފައިވާކަމަށާއި، އެކި ބަލިތަކަށް ފަރުވާކުރުމަށް ޚާއްޞަ ޑޮކްޓަރުން ތަމްރީނު ކުރަމުންދާ ކަމަށެވެ.
އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަން އަވަހަށް ނިމެމުންމިދަނީ ސަރުކާރު ކުންފުނިތަކުގައި ހަކަތަ ހުރުމުންކަމަށާއި، އެގޮތުން ކުރިން ރާއްޖޭގައި އޮތީ ފެނުގެ ނިޒާމު ޤާއިމު ކުރެވި ޚިދުމަތްލިބޭ އެންމެ 6 ރަށްކަމަށާއި ނަމަވެސް މިސަރުކާރު ކުންފުނިތައް މެދުވެރިކުރައްވައިގެން 30 ރަށެއްގައި މިހާރު ފެނުގެ ނިޒާމު ޤާއިމުކޮށް ނިމިފައިވާކަމަށާއި، ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ކުރިޔަށްދާ އިތުރު 15 ރަށެއްގައި އަންނަ އަހަރު މެދުތެރޭގައި ފެނުގެ ނިޒާމުގެ ޚިދުމަތްލިބޭ ވަރަށް މަޝްރޫޢުތައް ނިމޭނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން މާޅޮސްމަޑުލު އުތުރުބުރިއާއި، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ މިދަތުރުފުޅު ފެއްޓެވީ މިއަދު ހެދުނެވެ.