Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

ފްލެޓަށް އެދެން މީހަކު ފޯމް ނަގަނީ - ފޮޓޯ: މިހާރު (ނިޝާން އަލީ)

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމަށްވާ "ހިޔާ" މަޝްރޫޢުގެ ދަށުން ދޫކުރާ 7،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މިކަން އިއުލާންކޮށްފައި ވަނީ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މުއިއްޒު ވިދާޅުވެފައި ވަނީ "ހިޔާ" މަޝްރޫޢުގެ ފްލެޓްތަކަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ނިޔަލަށް އިތުރުކުރެވިފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މިގޮތަށް ނިންމީ ގިނަ އަދަދެއްގެ ބަޔަކު އެކަމަށް އެދެމުންދާތީއާއި އެ މަޝްރޫއަށް އެދުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމަށް ކަމަށެވެ.

މިކަމުން އެނގިގެންދަނީ ރައީސް ޔާމީންގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ރައްޔިތުން އިތުބާރުކޮށް އެއްބާރުލުންދޭ މިންވަރު ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

ކުރިން ހަމަޖައްސާފައިވާ ގޮތުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 31 އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 7000 ފްލެޓު ދޭން ނިންމާފައިވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފްލެޓާއި 18 އަހާރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓާއި ދަފުތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓާއި ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1044 ފްލެޓެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓާއި ޓީޗަރުންނަށް 625 ފްލެޓާއި އެކަނިވެރި މައިންނާއި ބައިފައިންނަށް 500 ފްލެޓާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 200 ފްލެޓެވެ. މީގެއިތުރުން ފުލުހުންނާއި ސިފައިންނަށް 600 ފްލެޓާއި ގުޅީފަޅުން ފައިސާ ދައްކާ ފްލެޓް ނުލިބުނު ފަރާތްތަކާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު ފަރާތްތަކަށް 300 ފްލެޓް އަދި މާފަންނު ހުޅަނގުގައި ނިކަމެތިކޮށް އުޅޭ ފަރާތްތަކަށް 256 ފްލެޓްކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.