Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އިދިކޮޅު ކޯލިޝަނަކީ "ކޮކްޓެއިލް ކޯލިޝަނެއް": ރައީސް ޔާމީން

ފޮޓޯ: މިހާރު

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އިދިކޮޅުން ހަދާފައިވާ ކޯލިޝަނަކީ ކަންކަމަށް އެއްބަސް ނުވެވޭ "ކޮކްޓެއިލް ކޯލިޝަނެއް" ކަމަށް ވިދާޅުވެ، އެ ފަރާތްތަކަށް ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނަށް އެ މަނިކުފާނު ފާޑު ވިދާޅުވީ މިއަދު ރ. އަތޮޅާއި ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރ.ހުޅުދުއްފާރު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ، އެންމެ ބޮޑެތި އުސޫލީ މައްސަލަތަކުގައި އިދިކޮޅު ކޯލިޝަނަށް އެއްބަސްވެވިފައި ނުވާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި އޮންނަންވީ ކޮން ޒާތެއްގެ ވެރިކަމަކާ ދޭތެރޭގައި ހުރިހާ ޕާޓީތަކުން އެއްބަސްވެވިފައި ނުވާ ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވަނީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ.

އިދިކޮޅު ކޯލިޝަންގެ ކޮންމެ ބޭފުޅަކު އުންމީދު ކުރައްވަމުން ގެންދެވީ ވަކި ވެރިކަމަކަށް ކަމަށާއި ކޮންމެ ޕާޓީއެއް ވަކިން ވެރިކަމަށް އަންނަން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޯލިޝަން ގުޅިގެން މަސައްކަތް ނުކުރެވޭނެ ކަމުގެ މިސާލު ދައްކަވައި ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ކޯލިޝަނަށް ރިޔާސީ ކެންޑިޑޭޓަކަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ރަނިންމޭޓަކަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ކަނޑައެޅުނީ ވެސް ވަރަށް ފަހުން ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަންގައި ތިއްބެވީ މީގެ ކުރިން އެކުވާން ތިބި ބައެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގޮނޑުދޮށްތައް ހިމާޔަތް ކުރަން ޖެހޭނީ "ރޮކް ބޯލްޑަ" ޖަހައިގެން ކަމަށް އިދިކޮޅު ބޭފުޅުން ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިމާރާތްތައް ބިނާ ކުރަން ޖެހޭ ކަމާއި އެ ތަންތަނަކީ ސިމެންތީގެ ތަރައްގީކަން "މަޖުބޫރީ ހާލަތުގައި" އިދިކޮޅު ބޭފުޅުން ގަބޫލު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ ވައުދުތަކުގެ ތެރެއިން އުމުރުން 65 އަހަރުން މަތީ މީހުންނަށް ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު އުވާލަން އެމްޑީޕީން އެއްބަސް ނުވާ ކަމަށެވެ. އެ ވާހަކަ ކޯލިޝަންގެ މެނިފެސްޓޯގައި ލިޔަން ދެކޮޅު ހެދި ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރުމަށް ގޮވާލާ ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރަށް އިޝާރާތް ކުރައްވައި، ރައީސް ޔާމީން މިއަދު ވިދާޅުވީ އެ އަމުރު އައީމަ، ރާއްޖެ ހަލަބޮލިވެ، ވެރިކަން ބަދަލުވެގެން ދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އުންމީދު ކުރި ކަމަށެވެ.

އަދި ކުރީގެ ރައީސް މައުމޫނާއި ގާސިމާއި އަދާލަތު ޕާޓީން އެމްޑީޕީ ކޮޅަށް ނާރައިފިނަމަ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ނެތް ކަން ގިނަ ބަޔަކު ގަބޫލު ކުރި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ކޯލިޝަން "ކޮކްޓެއިލް" އަކަށް ވަނީ މި ހުރިހާ ބޭފުޅުންނާ އެކީގަ އެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރަށް ފަހު، ގަޑުބަޑުވި ނަމަ، އެމްޑީޕީ "ލީޑް ކުރަން" އިދިކޮޅު އެހެން ބޭފުޅުން އެއްބަސްވެ ވަޑައިނުގަންނަވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ފަހަކަށް އައިސް ވަޑައިގަންނަވާ ކޮންމެ ރަށެއްގައިހެން ބާއްވާ ބައްދަލުވުން ތަކުގައި އެކި ގޮތްގޮތަށް އިދިކޮޅު ކޯލިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވައެވެ. ހަމަ އެ ބީދައިން އިދިކޮޅު ކޯލިޝަންގެ ބައްދަލުވުން ތަކުގައިވެސް ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ގެންދަވައެވެ.