ދެން އިތުރަށް ވައްކަން ކުރާކަށް 5 އަހަރެއް ދެވޭކަށް ނެތް ކަމަށާއި ދެން އިތުރަށް ދިވެހި ރައްޔިތުންނަށް އަނިޔާ ކުރާކަށް ފަސް އަހަރު ދެވޭކަށް ނެތްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ފެކްޝަންގެ ހަރަކާތްތެރިއެއް ކަމަށްވާ އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
އެ ކަމަނާ މިހެން ވިދާޅުވީ މިއަދު ހަވީރު ސްރީލަންކާގެ ކޮލޮމްބޯގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންނެވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު އެ ބޭފުޅުން ކުރައްވަމުން ގެންދަވަނީ ހަގީގަތުގައިވެސް ޤައުމީ މަސައްކަތެއް ކަމަށާއި ޕާޓީގެ ފިކުރާއި ޕާޓީގެ ވިސްނުމާއި އެކަހެރިކޮށް ދިވެހި ރައްޔިތުންނަށްޓަކާ، ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް، ދިވެހި ރައްޔިތުން އެދޭ ވެރިކަމެއް ގެނައުމަށްޓަކާ ކުރާ މަސައްކަތް ކަމަށް ނާދިރާ ވިދާޅުވިއެވެ.
މި މަސައްކަތުގެ ތެރޭގައި ހުރި ގޮންޖެހުންތައް ނުހަނުމެ ގިނަ ކަމަށާއި އެހެން ނަމަވެސް އެ ބޭފުޅުން އެ ހުރިހާ ގޮންޖެހުންތަކެއް ގިރާކޮށް އެންމެން އެކުގައި ކުރަްވާ މަސައްކަތަކީ އެ ބޭފުޅުންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ) އާއި ފައިސަލް ނަސީމް އަންނަން އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްޓަކާ ކުރަން އޮތް މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ މަސައްކަތުގެ އެންމެ ބޮޑު އެއްބައި ކަމަށްވާ ރީ ރަޖިސްޓްރޭޝަން އާއި ވޯޓު ލުމުގެ ހައްގު ކޮންމެ ބޭފުޅަކަށްވެސް ލިބިގެންވޭތޯ ޔަގީންކުރުމަކީ ކޮންމެ ބޭފުޅެއްގެ ވެސް ވާޖިބެއް ކަމަށް ނާދިރާ ވިދާޅުވިއެވެ. ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކީ މިއަދުވެސް މާދަމާވެސް ރީ-ރަޖިސްޓްރޭޝަންގެ މަސައްކަތްތައް ފުރިހަމަ އަށް އަދާ ކުރެއްވުން ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ. ވޯޓު ލުމުގެ ހައްގު ނިގުޅައިގަނެގެން އެތައް ބައިވަރު ދިވެހި ރައްޔިތުންނެއް އެބަ ވާ ކަމަށާއި މިއިން ކޮންމެ މީހަކަށްމެ ލިބެންޖެހޭ ހުރިހާ އެހީތެރިކަމެއް ވެދެއްވާ ހައްގު ހޯއްދަވައިދެއްވުމަށް އަޒުމް ކަނޑައެޅުއްވުމަށް ހާޟިރުވެ ތިއްބެވި ބޭފުޅުންނަށް އިޝާރާތް ކުރައްވާ ނާދިރާ ވިދާޅުވިއެވެ.
ރިޔާސީ ކެންޑިޑޭޓެއް ހޯދާއިރު އެންމެ ފުރަތަމައިނުން ވެސް ބަލަނީ އެ ބަޔަކަށް އެންމެ ހެޔޮއެދޭނީ ކާކުތޯ ކަމަށާއި މިހާރު ގައުމުގެ ވެރިކަން ކުރަން އެ ހުންނެވި ބޭފުޅާއަކީ ހެޔޮއެދޭ މީހެއްތޯ ސުވާލުކޮށްލަން ޖެހޭ ކަމަށް ނާދިރާ ވިދާޅުވިއެވެ. މިގޮތުން އާއިލާއަކީ އެންމެ ފުރަތަމަ ބަލަންވީ ދިމާ ކަމުން އާއިލާއަށް ކިހާ ވަރަކަށް އެހީތެރިކަން ފޯރުކޮށްދޭތޯ ކިހާ ކުލުނެއް އެބަހުރިތޯ ބަލާލަން އެބަޖެހޭ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. މިގޮތަށް ބަލާއިރު ޔާމީން މިހާރު މިވަނީ ފެއިލްވެފައި ކަމަށް ނާދިރާ ވަނީ ވިދާޅުވެފައެވެ. އޭގެ ބަދަލުގައި ކޯލިޝަންގެ ކެންޑިޑޭޓަކީ އާއިލީ ގުޅުންތައް ބަދަލި ކުރައްވާ އާއިލާގެ ލޯތްބާއި އިހްތިރާމް، މުޅި ދާއިރާގެ ލޯތްބާއި އިހްތިރާމް އަދި އެ މަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީގެ ލޯތްބާއި އިހްތިރާމް މީގެ އިތުރުން މުޅި ކޯލިޝަނުގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން ކަމުން އިބޫ ހޮވުމަކީ މިއަދު އެންމެން ކުރަންވީ މަސައްކަތް ކަމުގައި ނާދިރާ ވިދާޅުވިއެވެ. އެ ޖަލްސާއަށް އެގޮތުން ވަޑައިގެން ތިއްބެވި ބޭފުޅުންނަކީ އިބްރާހީމް މުހައްމަދު ސޯލިހްގެ ގާބިލްކަން ފެނިވަޑައިގެން އެތަނަށް ވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށް އެ ކަމަނާ ގަބޫލު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
އަމިއްލަ ގައުމު ދޫކޮށް މަޖުބޫރީ ހާލަތުގައި ރާއްޖެއިން ބޭރުގައި ގިނަ ބަޔަކު އުޅެމުންދާ ކަމަށާއި އެކަންތައް ހައްލު ކުރަން ޔާމީނަށް ފުރުސަތު ދެވިއްޖެ ކަމަށް ނާދިރާ ވިދާޅުވިއެވެ. އެހެން ނަމަވެސް ޔާމީނަށް އެ ކަންކަން ރަނގަޅުކޮށެއް ނުދެވުނު ކަމަށް ވެސް ވިދާޅުވިއެވެ. ރާއްޖެއިން ބޭރުގައި ތިއްބަވާ ފަރާތްތަކަށް ހޯދައިދެއްވަން ވިދާޅުވީ އާސަންދަ ކޮބައިތޯ އެ ކަމަނާ ވަނީ ސުވާލު ކުރައްވާފައެވެ. އެ ނުލިބުނު ކަމަށާއި އެ އޮތީ ޓެސްޓުން ފެއިލްވެފައި ކަމަށް ނާދިރާ ވިދާޅުވިއެވެ. އެކަން ނުކުރައްވާ މިހާރު ވިދާޅުވަނީ ދެންއޮތް 5 އަހަރުގައި އާސަންދަ ދޭނަމޭ ކަމަށް ނާދިރާ ވިދާޅުވިއެވެ. އެ ވަރު މީހަކަށް ވޯޓުލާން ޖެހޭތޯ ނާދިރާ ސުވާލު ކުރެއްވިއެވެ.
ނާދިރާ ވިދާޅުވީ ދެން އިތުރަށް ވައްކަން ކުރާކަށް 5 އަހަރެއް ދެވޭކަށް ނެތް ކަމަށެވެ. ދެން އިތުރަށް ދިވެހި ރައްޔިތުންނަށް އަނިޔާ ކުރާކަށް ފަސް އަހަރު ދެވޭކަށް ނެތްކަމަށް ވެސް ނާދިރާ ވިދާޅުވިއެވެ.
"ރައީސް މައުމޫންގެ ވިސްނުންފުޅަކީ ރައީސް މައުމޫންގެ އެދުމަކީ ވެސް އޮނަރަބުލް އިބޫ ސޯލިހަށް ވޯޓު ދެއްވާ އޮނަރަބުލް އިބްރާހީމް މުހައްމަދު ސޯލިހް މި ރާއްޖޭގެ ވެރިކަމަށް ގެނައުން" ނާދިރާ ވިދާޅުވިއެވެ.
މި ޖަލްސާގައި ކޯލިޝަންގެ އެކި ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ ފަރާތެއް ބައިވެރިވެވަޑައިގެންނެވިއެވެ.