ކުދި ވިޔަފާރިތަކުން ދައްކަން ޖެހޭ ޓެކުހާ ގުޅޭ ހުރިހާ ޖޫރިމަނާއެއް މަޢާފުކޮށްދިނުމަށް ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފި އެވެ.
މީރާ އިން ބުނީ މިއީ، ޖޫރިމަނާ މާފު ކުރުމުގައި މިހާރު ވެސް އަމަލުކުރާ އާއްމު އުސޫލުގެ އިތުރުން ކުދި ވިޔަފާރިތަކަށް ދޭ ޚާއްސަ އިނާޔަތެއް ކަމަށެވެ. މިގޮތުން، ކުދި ވިޔަފާރިތަކަށް ހާއްސަ އިނާޔަތް ދިނުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު 27 ގެ ނިޔަލަށް ކަމަށް ވެސް މީރާ އިން ބުނެއެވެ.
މީރާ އިން މަޢުލޫމާތު ދޭ ގޮތުގައި ކުދި ވިޔަފާރިތަކުގެ ގޮތުގައި މީރާއިން ގިންތި ކޮށްފައި ވަނީ، އަހަރަކު 10 މިލިއަން ރުފިޔާ އަށް ވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކެވެ. އެ ފަރާތްތަކުން ބީޕީޓީ އާއި ވިތްހޯލްޑިން ޓެކްސް އާއި ޖީއެސްޓީ އަދި ގްރީން ޓެކުހާ ގުޅިގެން، މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދައްކަން ޖެހޭ ހުރިހާ އިލްތިޒާމުތަކާ ގުޅޭ ޖޫރިމަނާތައް ލުއި ކޮށްދިނުމަށް އެދި، ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހެޅުމަށް މީރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ކުދި ވިޔަފާރިތަކަށް ޚާއްސަކޮށްގެން މިދިޔަ އަހަރު ތެރޭގައި ވެސް އެފަދަ ކެމްޕޭނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް މީރާ އިން ބުނެއެވެ.