ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިހާރުވަނީ އެޑްވާންސްކޮށް ވައްކަން ކޮށްފައިކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
އިބޫ މިހެން ވިދާޅުވީ އަވަށްޓެރި ސްރީ ލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އިއްތިހާދުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އިދިކޮޅު އިއްތިހާދުން ވަމުންދާ ވައުދު ފުއްދާނީ ކިހިނެއްތޯ ރައީސް ޔާމީން ސުވާލު ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ އިއްތިހާދުން ވަމުންދާ ވައުދު ފުއްދުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި އެކަމަށް އޮތް އެންމެ ފަހި ފުރުސަތަކީ ވައްކަން ނުކުރުން ކަމަށެވެ.
އަދި މި ސަރުކާރުން ވަނީ މުސްތަޤްބަލަށް ލިބެންވާ ފައިސާ ވެސް ނަގާފައި ކަމަށާއި، އެގޮތަށް ވައްކަން ކުރާނަމަ ތަރައްޤީއަށް ބޭނުންވާ ފައިސާ ނުހުންނާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ވޯލްޑް ބޭންކުގެ ހިސާބުތަކަށް ބަލާއިރު ކޮންމެ ރައްޔިތެއްގެ ބޮލުގައި 140،000.00 ރުފިޔާގެ ދަރަނި އެޅޭވަރަށް ސަރުކާރުން ލޯނު ނަގާފައިވާއިރު، ދައުލަތަށް ލިބޭ އާމްދަނީގެ ކޮންމެ ރުފިިޔާއަކުން 75 ލާރި ޚަރަދުކުރަން ޖެހެނީ އެ ދަރަނި ދެއްކުމަށް ކަމަށެވެ.