ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެއްވެސް ތަފާތުކުރުމެއް ނެތި އާސަންދައާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޚިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
އިބޫ މިހެން ވިދާޅުވެފައި ވަނީ ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އެގޮތުން ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާގެ ބޭނުމަށްވެސް ލަންކާގައި އުޅޭކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ލަންކާގައި ދިރުއުޅޭ ދިވެހިންނަށް އާސަންދައާއި އެންސްޕާ ގެ ޚިދުމަތް ހޯދުމަކީ ވަރަށް ދަތި ކަމެކެވެ.
އެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމަށް 2013 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ޕީޕީއެމް އިން ބުނަމުންދިޔަ ނަމަވެސް، އަދިވެސް އެކަމަށް ޙައްލެއް ލިބިފައެއް ނުވެއެވެ.
އެހެންނަމަވެސް އިބޫ ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އާސަންދައާއި އެންސްޕާގެ ޚިދުމަތް ލިބޭ ފަދައިން، އިއްތިހާދުގެ ސަރުކާރެއްގައި އެއްވެސް ތަފާތުކުރުމެއް ނެތި ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށްވެސް އެޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.
އަދި މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ކޮލަމްބޯ އާއި ބޭރުގެ އެހެން ތަންތަނުގައިވެސް ދިވެހިންނަށް އުޅެން މިހާރު އުނދަގޫ ވެފައިވާކަމަށް އިޝާރާތްކުރައްވައި އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އިންޑިއާ ކަނޑަކީ ދުނިޔޭގެ ސުލްހައަށް އޮތް ބިރަކަށް ނުވާނެ ގޮތަކަށް ޚާރިޖީ ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން އިއްތިހާދުގެ ސަރުކާރެއްގައި އަވަށްޓެރި ޤައުމުތަކާއިއެކު، ޚާއްސަކޮށް އިންޑިއާ އަދި ސްރީ ލަންކާއާއިއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރައްވާނެކަމަށް ވެސް އިބޫ ވިދާޅުވިއެވެ. އަދި ކޮމަންވެލްތާއި، ޤަތަރާއި އީރާނާއިއެކު މިސަރުކާރުން ކަނޑާލާފައިވާ ގުޅުން އަލުން ޤާއިމްކުރައްވާނެކަމަށް އިބޫ ވިދާޅުވިއެވެ.
ކޮންމެ ޤައުމެއްގައި ތިބެގެން ބޭނުން އެއްޗެއް ކިޔަވަން ދިވެހި ދަރިވަރުންނަށް ޚާއްސަ ލޯނު ސްކީމެއް ތަޢާރަފް ކުރައްވައި، އެސްކީމަކީ އިންޓްރެސްޓް ކުޑަ ސްކީމަކަށް ހައްދަވާނެކަމަށް ވެސް އިބޫ ވަނީ ވައުދުވެވަޑައިގެންފަ އެވެ.
މިއަދު ލަންކާގެ މައުންޓް ލެވީނިއާ ބަރްޖާޔާ ހޮޓެލްގައި ބޭއްވި މި ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.