Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

އަޅުގަނޑުމެންނަކީ ކޮކްޓެއިލް ކޯލިޝަނެއް، އެއީ ފަޚުރެއް: އަލީ ޒާހިރު

އިދިކޮޅު އިއްތިހާދުން ސްރީ ލަންކާގައި ބޭއްވި ޖަލްސާގައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އިދިކޮޅުން ހަދާފައިވާ ކޯލިޝަނަކީ ކަންކަމަށް އެއްބަސް ނުވެވޭ "ކޮކްޓެއިލް ކޯލިޝަނެއް" ކަމަށް ވިދާޅުވެ، އެ ފަރާތްތަކަށް ފާޑުވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ރައްދުދެއްވައިފި އެވެ.

އަވަށްޓެރި ސްރީ ލަންކާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއެކު މައުންޓް ލެވީނިއާ ބަރްޖާޔާ ހޮޓެލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނަކީ "ކޮކްޓެއިލް ކޯލިޝަނެއް" ކަމަށާއި އެއީ ފަޚުރެއް ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ އިދިކޮޅުގަ ތިބި ކޮންމެ ޕާޓީއެއްގެ ލީޑަރަކީ ވެސް ވެރިކަން ކުރެއްވޭ ވަރު ޤާބިލް ބޭފުޅުން ކަމަަށާއި، ނަމަވެސް އެ ބޭފުޅުން މިއަދު ފަހަތަށް ޖެހިވަޑައިގެން ތިއްބެވީ ޤައުމީ މަސްލަހަތަށްޓަކައި ކަމަށެވެ.

އަދި އެބޭފުޅުން ފަހަތަށްޖެހި، "ކޮކްޓެއިލް ކޯލިޝަނެއް" ހަދައި އެންމެން އެއްބަސްވާ އެއް ކެންޑިޑޭޓަކު އިންތިޚާބަށް ނެރެފައިވާ ކަމަށާއި ކޯލިޝަން ފަޚުރަކަށް ވަނީ އެހެންވެގެން ކަމަށެވެ.

"ފަހުރުވެރިކަމާއެކު އަޅުގަނޑުމެން ކޮކްޓެއިލް ކޯލިޝަނެއްގެ ގޮތުގައި މިތިބީ،" އަލީ ޒާހިރު ވިދާޅުވި އެވެ.

އަލީ ޒާހިރު މިހެން ވިދާޅުވެފައި ވަނީ ރ. ހުޅުދުއްފާރު ރައްޔިތުންނާއި މިއަދު މުޚާތަބުކުރައްވައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

ހުޅުދުއްފާރުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ، އެންމެ ބޮޑެތި އުސޫލީ މައްސަލަތަކުގައި އިދިކޮޅު ކޯލިޝަނަށް އެއްބަސްވެވިފައި ނުވާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި އޮންނަންވީ ކޮން ޒާތެއްގެ ވެރިކަމަކާ ދޭތެރޭގައި ހުރިހާ ޕާޓީތަކުން އެއްބަސްވެވިފައި ނުވާ ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވަނީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ.

އިދިކޮޅު ކޯލިޝަންގެ ކޮންމެ ބޭފުޅަކު އުންމީދު ކުރައްވަމުން ގެންދެވީ ވަކި ވެރިކަމަކަށް ކަމަށާއި ކޮންމެ ޕާޓީއެއް ވަކިން ވެރިކަމަށް އަންނަން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.