އެޑްވާންސްކޮށް ވައްކަން ކުރިއަސް ރަނގަޅުކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ސަރުކާރުން އެޑްވާންސްކޮށް ވައްކަން ކުރަމުންދާކަމަށް އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހޯމަ ދުވަހު ލަންކާގައި ދިރިއުޅުއްވާ ދިވެހިންނާއި މުހާޠަބު ކުރައްވައި ވިދާޅުވުމާއި ގުޅިގެން ހޯމަ ދުވަހުގެ ރޭ ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މާލޭގައި ދުވާވަހުން ކެތްނުވި ކުނި ގޮނޑު ނައްތާލަދެއްވީ އެ މަނިކުފާނުގެ ސަރުކާރުން ކަމަށެވެ. އަދި މާލެ އާއި އެއް ފެންވަރަށް ރާއްޖެގެ އެކި ހިސާބު ތަކުގައި ކުނި ނައްތާލުމުގެ ނިޒާމް ގާއިމް ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެޑްވާންސް ކޮށް ވައްކަން ކުރިއަސް ވަރިހަމަ ކަމަށެވެ.
"މާލޭއާއި އެއް ފެންވަރަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުނި ނައްތާލުމުގެ ނިޒާމް އަޅުގަނޑުމެން ގާއިމް ކުރަމުން މިގެންދަނީ އަދި މާލޭގެ ކުންޏާއި އެހެން ރަށްތަކުގައި ކުނި ނައްތާލުމަށްޓަކައި ކުނި އެންދޭނެ އިންތިޒާމްތައް އަޅުގަނޑުމެން ހަމަޖައްސަމުން މި ގެންދަނީ. އެހެންވީމަ ވަރިހަމަތާ އެޑްވާންސްއަށް ވައްކަން ކުރިއަސް"
ރައީސް ވިދާޅުވީ ދުވާފަހަރުގެ ތަރައްގީ އަށް އެޑްވާންސް ކޮށް ވައްކަން ކުރިޔަސް އެންމެ ރަނގަޅު ކަމަށެވެ.
ރައީސް ޔާމީން ގެންދަވަނީ އިދިކޮޅު ކެންޑިޑޭޓާއި ރަނިންމޭޓުގެ ވާހަކަތަކަށް ވަޑައިގަންނަވާ ކޮންމެ ރަށެއްގައި ރައްދު ދެއްވަމުންނެވެ. އެގޮތުން އަނިޔާވެރި ގޮތަކަށް މަރާލެވިފައިވާ މީހުންގެ މަރުގެ ހަގީގަތް ހޯދާނެ ކަމަށާއި، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯއްދަވާނެ ކަމަށް އިއްތިހާދުގެ ކެންޑިޑޭޓު އިބޫ ދަނީ ވިދާޅުވަމުންނެވެ.
ރައީސް ޔާމީން އެވާހަަތަކަށް ރައްދު ދެއްވަމުން ވިދާޅުވެފައިވަނީ އެފައިސާ އެމްޑީޕީ އާއި އިއްތިހާދުގެ ވެރިކަމަކަށް ހޯދައި ނުދެވޭނެކަމަށެވެ.