Last Updated: June 11, 09:26
Thursday, June 11, 2026
ޚަބަރު

މިހާރު ތަޅާފޮޅަނީ ވޯޓާ ގުޅިގެން: ރައީސް

މާރާމާރީއާއި ތަޅާފޮޅުން މިހާރު އާންމު ވެފައިވަނީ ވޯޓާ ގުޅިގެން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ރ. އިންނަމާދޫ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ މާރާމާރީ ފަދަ ވިޔާނުދާ އަމަލުތައް ހިންގަމުން ދަނީ ވޯޓުގެ މޫސުން ކުރިއަށް ދާތީ ކަމަށެވެ.

"އަޅުގަނޑު ނުބުނާނަން މިއީ ވަކި ބަޔަކު ކުރުވާ ކަމެކޭ، އެހެންނަމަވެސް، މިހާރު ފެނިގެން ދަނީ ވޯޓުލުމުގެ މުސުމާ ދިމާކޮށް މިހާރު މިފެނިގެން ދަނީ މިކަހަލަ ވިޔާނުދާ އަމަލުތައް."

ރައީސް ޔާމީން ވަނީ މީގެ ދެ ދުވަސް ކުރިން މާލޭގައި ހިނގި ނުރައްކާތެރި މާރާމާރީއަށް އަލިއަޅުވާލާފައެވެ. ރައީސް ވިދާޅުވީ އިއްޔެވެސް މާރާމާރީގައި ބޮޑަށް ޒަޚަމް ވި ޒުވާނާގެ ހާލު ބައްލަވާފައިވާ ކަމަށާއި، އިއްޔެވެސް އޭނާގެ ހާލު ސީރިއަސް ކަން އެނގިފައިވާ ކަމަށެވެ.

މިދުވަސްވަރަކީ މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށް ތަކުގައިވެސް ގްރޫޕް މާރާމާރީ އިތުރުވަމުން އަންނަ ދުވަސްކޮޅެވެ. އެގޮތުން މާލެ، ހުޅުމާލެ އަދި ލ. ގަމުގައި ވަނީ ކައިރި ކައިރީގައި ނުރައްކާތެރި މާރާމާރީތަކެއް ހިންގައި ޒުވާނުންތަކެއް ޒަޚަމް ކޮށްލާފައެވެ.