Last Updated: June 11, 09:26
Thursday, June 11, 2026
ޚަބަރު

އިބޫ އިންނަމާދޫ އަށް ވީ ރައީސް ޔާމީން ފުއްދާފައިވާ ވައުދުތައް: ފަލާހް

އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރ ފަލާހު، ފޮޓޯ: ޓްވިޓަ

ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ރ. އަތޮޅު އިންނަމާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނަށް ވެފައިވާ ވައުދުތަކަކީ ރައީސް ޔާމީންގެ ސަރުކާރުގައި ނިންމާފައިވާ މަޝްރޫއުތައް ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭނާއި ޕީޕީއެމްގެ ހަރަކާތްތަކާއި ވަރަށް ދުރުވެފައިވާ މެމްބަރު ފަލާހް ވަނީ ރައީސް ޔާމީނާއެކު އަމިއްލަ ދާއިރާއަށް ކެމްޕޭނަށް ވަޑައިގެންފައެވެ.

ފަލާހް އިބޫއަށް ރައްދު ދެއްވަމުން ވިދާޅުވީ، އިންނަމާދޫ ރައްޔިތުންނަށް އިބޫ ވެވަޑައިގެންނެވި ހަތަރު ވައުދުގެ ތެރެއިން ތިން ކަމެއް ރައީސް ޔާމީން ކޮށްދެއްވާފައިވާ ކަމަށެވެ. އަދި ހަތަރު ވަނަ ވައުދުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ފުއްދަވާފައިވާ ވައުދުތަކުގެ ތެރެއިން އިބޫ ފާހަގަކޮށްފައިވަނީ އިންނަމާދޫ ސްކޫލް އެއް ދަންފަޅިއަށް ހައްދަވައިދެއްވާނެ ކަމަށެވެ. ނަމަވެސް އެ ސްކޫލް އެއް ދަންފަޅިއަށް 2013 ވަނަ އަހަރު ރައީސް ޔާމީން ހައްދަވާފައިވާ ކަމަށް ފަލާހް ވިދާޅުވިއެވެ.

ދެވަނަ ވައުދަކަށް އިންނަމާދޫގައި މިސްކިތެއް އަޅައިދެއްވާނެ ކަމަށް އިބޫ ވިދާޅުވި ނަމަވެސް ރައީސް ޔާމީންގެ ޒައާމަތުގައި ރަށަށް ފުދި އިތުރުވާވަރުގެ އާ މިސްކިތެއް އަޅާ ދީފައިވާނެ ކަމަށް ފަލާހް ވިދާޅުވިއެވެ. އަދި ތިންވަނަ ކަމަކަށް އިބޫ ވެފައިވާ ވައުދަކީ ރަށުގައި ބަނދަރެއް ހަދައިދޭނެ ކަމަށާއި އިންނަމާދޫ ބަނދަރު ހުޅުއްވައި ދެއްވުމަށް ރައީސް ޔާމީން މިހުރީ އިންނަމާދޫގައި ކަމަށް ފަލާހް ވިދާޅުވިއެވެ.

އަދި ހަތަރު ވަނަ ކަމަކަށް ނަރުދަމާގެ ނިޒާމް ގާއިމް ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިޔަސް އެރަށު ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ފަލާހް ވިދާޅުވެފައިވެއެވެ.

މިޖަލްސާގައި ފަލާހް ވިދާޅުވެފައިވަނީ އިބޫގެ ވާހަކަތަކުން އިންނަމާދޫގެ އެމްޑީޕީ މެމްބަރުންވެސް މާޔޫސް ވެފައިވާ ކަމަށެވެ. އަދި ބައެއް ބޭފުޅުން އެޖަލްސާއިން ނިކުމެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.