ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގެނެސްދެއްވާފައިވާ ތަރައްގީއަށް ފާޑުކިޔައި، ބަދުބަސް ނުބުނުމަށް، އެއްބަފާ ކޮއްކޯފުޅު އަދި ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ.
ރައީސް ޔާމީން މައުމޫން ދިފާއު ކުރައްވައި ވާހަކަ ދައްކަވާފައިވަނީ، އެންވަޔަރޮމެންޓް މިނިސްޓަރ ތޯރިގް މައުމޫންގެ ދިގު ތިރީސް އަހަރުގެ ވެރިކަމުގައި މުހިންމު ތަރައްގީ ނުގެނެވުނު ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މައުމޫން ޖަލަށް ލާފައިވި ނަމަވެސް ރައީސް ޔާމީން ވަނީ އިއްޔެ ބޭބޭފުޅު މައުމޫންއަށް ބަދުބަހެއް ރައްދު ކުރުމުން އެމަނިކުފާނު ދިފާއު ކުރައްވާފައެވެ. އަދި ރައީސް ޔާމީން ވަނީ އެމަނިކުފާނު ހުންނެވި ތަނެއްގައި މައުމޫނަށް ބަދުބަސް ރައްދުނުކުރުމަށް އެދިވަޑައިގެންފައެވެ.
އެންވަޔަރޮމެންޓް މިނިސްޓަރ ތޯރިގް ވިދާޅުވީ ތިރީސް އަހަރުގައި މައުމޫނަށް މުހިންމު "ޑެވެލޮޕްމެންޓް" ގެނެސްފައިނުވާ ކަމަށެވެ. އަދި މިހާރު ކޮކްޓެއިލް ކޯލިޝަނުގެ ލީޑަރަކަށް މައުމޫން ވެވަޑައިގެންފައިވާ ކަމަށް ތޯރިގް ބުނެފައިވެއެވެ.
ނަމަވެސް ރައީސް ޔާމީން ވަނީ މައުމޫނަކީ އިންނަމާދޫގެ ވެސް ތަރައްގީގެ ބާނީ ކަމަށާއި އެމަނިކުފާނު ގެނެސްދެއްވި ތަރައްގީ އަކީ ހިތަށް ވަޒަން ކުރެވުނު ކަމެއް ނޫން ކަމަށެވެ.