އިދިކޮޅު ދެ ޕާޓީގެ ދެލީޑަރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމަށް ވޯޓު ލެވޭނީ ޖަލަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ދެލީޑަރުންނަށް ވެސް ޖިނާއީ ދައުވާކުރެވި ޖަލު ހުކުމް އިއްވާފައިވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު ވަނީ ސިޔާސީ ހިމާޔަތް ހޯއްދަވާފައެވެ. ދެބޭފުޅުންގެ ތެރެއިން ގާސިމް، އިނގިރޭސި ވިލާތުގެ ލަންޑަނުގައި ބަހައްޓާ ވޯޓު ފޮއްޓަށް ވޯޓުލެވޭނެ ގޮތް ހެދުމަށް ރީ ރަޖިސްޓާ ކުރުމަށް ހުށައަޅާފައިވާއިރު ނަޝީދު ރީރަޖިސްޓާ ކުރުމަށް ހުށައަޅާފައެއް ނުވެއެވެ.
އީސީން މިކަމާ ގުޅޭގޮތުން ހާމަކޮށްފައިވަނީ ޖަލު ހުކުމް އިއްވިފައިވާ ބޭފުޅުން ރީ ރަޖިސްޓްރީ ފޯމުތައް އިލެކްޝަނަށް ހުށައެޅުމުން ބަލައިގަނެވޭނީ ކަރެކްޝަންސް އިން ހުށައެޅުމުން އެކަނި ކަމަށެވެ.
އިދިކޮޅު ކޯލިޝަނުގައި ދެން ހިމެނޭ ދެ ލީޑަރުން ކަމަށްވާ މައުމޫން ރިފޯމް މޫވްމަންޓުގެ ލީޑަރ، ކުރީގެ ރައީސް މައުމޫނާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ވަނީ ޖަލަށް ވޯޓުލުމަށް ޖަލަށް ރަޖިސްޓާ ވެފައެވެ.