Last Updated: June 11, 09:30
Thursday, June 11, 2026
ޚަބަރު

ނަރުހުންގެ މުސާރަ ބޮޑުކުރީ އެލަވެންސް ކަނޑާލާފައި!

ސަރުކާރު ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާ ނަރުހުންގެ މުސާރަ ބޮޑުކޮށްފައިވަނީ އެލަވެންސްތައް ކަނޑާލުމަށް ފަހު ކަމަށާއި އޭގެ ސަބަބުން މިހާރު ލިބޭ މުސާރަ ކުރިނަށް ވުރެ ދަށް ވެފައިވާ ކަމަށް ބުނެ ރާއްޖޭގެ އެކި ކަންކޮޅުތަކުން ނަރުހުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ހެލްތް މިނިސްޓްރީން މިމަހުގެ 19 ވަނަ ދުވަހު ކުރި އިއުލާނެއްގައި ނަރުހުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެއުމަށް ފަހު، މުސާރަ %15 ބޮޑުކޮށްފައިވާ ކަމަށް ހާމަކޮށްފައިވެއެވެ. ނަމަވެސް ނަރުހުން އަންނަނީ މުސާރަ ކުރިނަށް ވުރެ ކުޑަ ވެފައިވާތީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މުސާރައިގެ އޮނިގަނޑަށް ބަދަލުގެނެސް %15 ބޭސިކް މުސާރައިން ބޮޑުކޮށްފައިވި ނަމަވެސް ބައެއް އެލަވަންސްތައް ކަނޑާލުމުގެ އިތުރުން އިތުރުގަޑީގެ ފައިސާ ލިބޭނީ އަށް ގަޑިއިރު މަސައްކަތް ކުރުމަށް ފަހު އޭގެ އިތުރަށް ކުރުމުން ކަމަށް ހެލްތް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ކުރިން އިތުރުގަޑީގެ ފައިސާ، މަސައްކަތުގެ ހަ ގަޑިއިރު ނިމުމުން ލިބެއެވެ.

ހެލްތް މިނިސްޓްރީގެ ބަޔާނުގައި ވަނީ ސްޕެޝަލައިޒް ނަރުހުން ތައާރަފް ކުރުމަށާއި، މަސައްކަތާއި ތައުލީމަށް ބެލުމަށް ފަހު ކޮންމެ ދެ އަހަރުން އެއް އަހަރު ޕްރޮމޯޝަން ލިބޭނެ ކަމަށް ބުނެފައިވެއެވެ.