Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އަޅުގަނޑުގެ ދެފައި ނުބަނދެ އިންތިހާބަށް އައުމަކީ އިދިކޮޅުން ކުރި މޮޔަކަމެއް: ރައީސް ޔާމީން

ފޮޓޯ: ދަޕްރެސް

އިދިކޮޅު ފަރާތްތަކުގެ ވިސްނުމުގައި އޮތީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ނަން ނޯންނާނެ ގޮތެއް ވުން ކަމަށާއި، އެމަނިކުފާނުގެ "ދެފައި ނުބަނދެ" އިންތިހާބަށް އައުމަކީ އެ ފަރާތްތަކުން ކުރި "މޮޔަ" ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ކެމްޕޭނަށް ވަޑައިގަންނަވާ ދަތުރުފުޅުގައި ރައްޔިތުންނާއި ދައްކަވާ ވާހަކަފުޅުތަކުގައި އިދިކޮޅު އިއްތިހާދަށް އަމާޒު ކުރައްވާ ވަރުގަދަ ބަހުގެ ހަމަލާތައް އަމާޒު ކުރެއްވުމަކީ ރައީސް ޔާމީންގެ ކުރައްވާ އާންމު ކަމެކެވެ.

އެ ގޮތުން މި ފަހަރު ރ. އިނގުރައިދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވެރިކަމުގެ ފަސް އަހަރު ހަމަވުމުގެ ކުރިން މި ސަރުކާރު ބަދަލު ކުރަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި ކަމަށެވެ. އެމަނިކުފާނުގެ ނަން ވޯޓު ކަރުދާހުގައި އޮވެއްޖެނަމަށް ރާއްޖޭގެ ތަހުތުގެ ވެރިކަން ބޭނުންފުޅުވާ ބައެއް ސިޔާސީ ލީޑަރުން އިންތިހާބެއްގައި ނާކާމިޔާބުވެވަޑައިގަންނަވާނެކަން އެ ބޭފުޅުންނަށް އެނގިވަޑައިގެންނެވި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ތަހުތަށް އިންތިޒާރު ކުރައްވާ ހުރިހާ ބޭފުޅުންގެ ވިސްނުންފުޅުގައި ހުރީ ވޯޓާ ހަމައަށް އެ މަނިކުފާނުގެ ނަން އަޔަ ނުދިނުން ކަމަށާއި ރައީސް ޔާމީނަކީ ރައްޔިތުންނާ ހަމައަށް ދޫކޮށްލެވޭނެ ވަރުގެ މީހެއް ނޫން ކަން އެނގިއްޖެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ވޯޓު ކަރުދާސް ކޮޅާ ހަމައަށް އަންނަ އިރު ރައްޔިތުންގެ ވިސްނުމުގެ ތަރާދުން ކިރާނީ އެމީހުންނަށް ކަންތައްތައް ކޮށްދީފައި ހުރީ ކާކުތޯ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

1 ފެބްރުއަރީގެ އަމުރުން އިދިކޮޅު ފަރާތްތަކުން އެ މަނިކުފާނު 23 ސެޕްޓެމްބަރުގެ ވޯޓާ ހަމައަށް ރައްޔިތުންގެ ހިދުމަތުގައި ދެމިހުންނާނެ ކަމަކަށް ހީނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުންނަށް ސަރުކާރުން ހިންގާފައިވާ މަޝްރޫއުތައް ހުޅުވައިދިނުމުގެ ޝަރަފު ރައީސް ޔާމީނަށް ދޭން އެ ފަރާތްތަކުން ބޭނުމެއް ނުވާ ކަމަށާއި އެހެންވެ އެ މީހުން ރައީސް ޔާމީން ބަންދު ކުރެވޭނެ ހުރިހާ ގޮތްތަކެއް ހޯއްދެވި ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އެ ބައްދަލުވުމުގައި ވަރަށް ޖަޒްބާތީ ވާހަކަފުޅު ދެއްކެވުމަށްފަހު އިދިކޮޅު ފަރާތްތަކުގެ ވާހަކައިގެ ޖަޒްބާތުގައި ނުޖެހުމަށް ވިދާޅުވެފައެވެ.