Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ރައީސަކަށް ހުންނަން ވަނީ ކިޔަވައިގެން ހުރި ގަޓް ހުރި ވެރިއެއް: ޝަހީމް

ރާއްޖޭގެ ވެރިއަކަށް ހުންނަން ޖެހޭނީ ކިޔަވައިގެން ހުރި ގަޓް ހުރި ވެރިއެއް ކަމަށް ރައީސް އަބުދުﷲ ޔާމީންގެ ރަނިން މޭޓް އަދި ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިހެން ވިދާޅުވީ ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފެއްގައި އެ އަތޮޅު ފޮނަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެގޮތުން ޝަހީމް ވިދާޅުވީ އިދިކޮޅު އިއްތިހާދުގައި އެއްބަސްވެވިފައިވާ އުސޫލީ ސިޔާސަތުތަކެއް ނެތް ކަމަށާއި ދެބަސްވުންތަކުގެ ތެރެއަށް ގޮސް ޤައުމު މިހާރު މިދާ މިސްރާބު ބަދަލުވެ އިގްތިސޯދީ ގޮތުން ޤައުމު އަނދަވަޅަކަށް ވެއްޓިގެން ހިނގައިދާނެ ކަމަށެވެ.

އެފަދަ ޙާލަތަކަށް ދިވެހިރާއްޖެ ގެންދަން ބޭނުން ނުވާ ކަމަށާއި، ބޭނުންވަނީ މި ސަރުކާރުގައި އިސްލާހު ކުރަން އޮތް ކަމެއް އިސްލާހު ކޮށްގެން ރައީސް ޔާމީންގެ ޒައާމަތު ދަމަހައްޓަން ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ރާއްޖޭގެ ވެރިއަކަށް ހުންނަންވާނީ ހިތްވަރު ގަދަ، އަޒުމް ވަރުގަދަ، ގަޓްހުރި، ތައުލީމީ އަދި ތަޖްރިބާ ހުރި މީހެއް"، ޝަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޮޑު އަގުލަބިއްޔަތަކުން ރައީސް ޔާމީން ކާމިޔާބުކުރައްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.

އަދި އިދިކޮޅު އިއްތިހާދުގެ ސަރުކާރަކީ ކާމިޔާބު ސަރުކާރަކަށް ނުވާނެކަން ވަރަށް ޔަޤީންކޮށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މީގެ ކުރިންވެސް އިދިކޮޅު ފަރާތްތަކުގެ ސަރުކާރެއް އައި ކަމަށާއި، ނަމަވެސް 21 ދުވަހުގެ ތެރޭގައި އެސަރުކާރު ރޫޅިގެން ގޮސް، ކޯލިޝަން ތެރޭގައި ތަޅާފޮޅުންތައް އިތުރުވެގެންދިޔަ ކަމަށެވެ. ޝަހީމް ވިދާޅުވީ މި ފަހަރުގެ ރިޔާސީ އިންތިޚާބުވެސް އިދިކޮޅަށް ކާމިޔާބުވެއްޖެނަމަ ކަންތައްތައް ވާނީ ހަމަ އެގޮތަށް ކަމަށެވެ.

ޝަހީމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ރާއްޖޭގެ ކުރިއެރުމާއި ފާގަތިކަން އިތުރުކުރުމަށްޓަކައި ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮއްވަވައިދެއްވަން ޖެހޭ ކަމަށެވެ.