Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އިއްތިހާދަށް ކޮކްޓެއިލެކޭ ފުސްކޭލެކޭ ވިދާޅުވިޔަސް ކަންބޮޑު ނުވޭ: އަމީން

އިއްތިހާދަށް ކޮކްޓެއިލެކޭ ފުސްކޭލެކޭ ވިދާޅުވިޔަސް އެއީ ރައްޔިތުން ކަންބޮޑުވާ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވީ ރައީސް ޔާމީން ރ.ހުޅުދުއްފާރުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ، އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އިދިކޮޅުން ހަދާފައިވާ ކޯލިޝަނަކީ ކަންކަމަށް އެއްބަސް ނުވެވޭ "ކޮކްޓެއިލް ކޯލިޝަނެއް" ކަމަށް ވިދާޅުވެ، އެ ފަރާތްތަކަށް ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވުމާއި ގުޅިގެންނެވެ.

އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުން މިއަދު ބޭނުންވަނީ ކޮންމެ ގޮތަކުން ވިޔަސް ވެރިކަން ބަދަލުކުރަން ކަމަށެވެ.

"އިއްތިހާދަށް ކޮކްޓެއިލެކޭ ފުސްކޭލެކޭ ވިދާޅުވިޔަސް އެއީ ރައްޔިތުން ކަންބޮޑުވާ ކަމެއް ނޫން. ދިވެހި ރައްޔިތުން މިއަދު ބޭނުންވަނީ ކޮންމެ ގޮތަކުން ވިޔަސް ވެރިކަން ބަދަލުކުރަން. ޔާމީން އަބްދުލްޤައްޔޫމް ވެރިކަމުން ބާލަން. ރައްޔިތުން މި ފަހަރު ގެޔަށް ވަންނާނީ ޔާމީން ޢަބްދުލްޤައްޔޫމް ބަލިކޮށް، ވެރިކަމުން ބާލައި، ގޮނޑި ސާފު ކޮށްފައި" އަމީން ވިދާޅުވިއެވެ.

މި ފަހަރު ގެޔަށް ވަންނާނީ ޔާމީން ޢަބްދުލްޤައްޔޫމް ބަލިކޮށް، ވެރިކަމުން ބާލައި، ގޮނޑި ސާފު ކޮށްފައި ކަމަށް އަމީން ވިދާޅުވިއެވެ.