Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ހިޔާ މަޝްރޫއަށް 15،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅައިފި

ހިޔާ މަޝްރޫޢުގެ ފްލެޓްތައް ނިމޭއިރު ހުންނާނެ ގޮތުގެ ތަސްވީރެއް - ފޮޓޯ: އެޗްޑީސީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމަށްވާ "ހިޔާ" މަޝްރޫޢުގެ ދަށުން ދޫކުރާ 7،000 ފްލެޓަށް އެދި މިހާތަނަށް 15،000 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހަޅައިފި ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި އެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 30 ވަނަ ދުވަހަށް ހަމަވާއިރު، ހައުސިންގ މިނިސްޓްރީން ބުނީ މިދިޔަ ބޮޑު އީދުގެ ނިޔަލަށް 15،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ނައިބު އިބްރާހިމް ނަޒީމް ވިދާޅުވީ ހިޔާ މަޝްރޫއަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

ނަމަވެސް މި މަހުގެ ތެރޭގައި ބޮޑު އީދު ބަންދު އައުމުން، ފޯމު ހުށަހެޅުމަށް ގިނަ ބަޔަކަށް އުނދަގޫވި ކަމަށާއި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރު ކުރީ ވެސް އެ ފުރުސަތު ވީހާ ވެސް ގިނަ ބަޔަކަށް ދިނުމަށް ކަމަށް ނަޒީމް ވިދާޅުވި އެވެ.

ނަޒީމް ވިދާޅުވީ ހިޔާ މަޝްރޫޢަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުައްދަތު ނިމޭއިރު، އަދިވެސް އެތައް ބަޔަކު ފޯމް ހުށަހަޅާނެ ކަމަށް ބެލެވޭ ކަމަށެވެ.

ފްލެޓްތަކުގެ ތެރެއިން އެންމެ ގިނައިން މީހުން ފޯމު ހުށަހަޅަނީ އުމުރުން 18-40 ދެމެދު ކައިވެނިކޮށްގެން އުޅޭ މީހުންނަށް ދޫކުރާ 1000 ފްލެޓަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 12 ކެޓަގަރީއަކަށް ބަހާލައިގެން އަޅާ 7000 ފްލެޓު ދޭން ނިންމާފައިވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފްލެޓާއި 18 އަހާރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓާއި ދަފުތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓާއި ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1044 ފްލެޓެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓާއި ޓީޗަރުންނަށް 625 ފްލެޓާއި އެކަނިވެރި މައިންނާއި ބައިފައިންނަށް 500 ފްލެޓާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 200 ފްލެޓެވެ. މީގެއިތުރުން ފުލުހުންނާއި ސިފައިންނަށް 600 ފްލެޓާއި ގުޅީފަޅުން ފައިސާ ދައްކާ ފްލެޓް ނުލިބުނު ފަރާތްތަކާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު ފަރާތްތަކަށް 300 ފްލެޓް އަދި މާފަންނު ހުޅަނގުގައި ނިކަމެތިކޮށް އުޅޭ ފަރާތްތަކަށް 256 ފްލެޓްކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.