ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ހިންގުން ވަގުތީ ގޮތުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާ މިއަދު ހަވާލުކޮށްފި އެވެ.
އެމްޑީއޭ އިން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި އެ ޕާޓީ ހިންގުމާއި ޕާޓީ ލީޑަރުގެ ޒިންމާތައް މައުރޫފާ ހަވާލު ކުރެއްވީ ޕާޓީގެ ލީޑަރުގެ މަޤާމްގައި ހުންނެވި އަހުމަދު ސިޔާމް މުހައްމަދު (ސަން ޓްރެވަލް ސިޔާމް) ހުށަހެޅުއްވި ގަރާރެއްގެ ދަށުންނެވެ.
ސިޔާމް ބައިވެރިވެ ވަޑައިނުގަތް ބޭއްވި އެ ކައުންސިލް ބައްދަލުވުމުން އެ ގަރާރު ފާސްވީ ކައުންސިލް މެމްބަރުންގެ އިއްތިފާޤުންނެވެ.
އެމްޑީއޭގެ ކައުންސިލް މެމްބަރު އަދި މީޑިއާ ކޯޑިނޭޓާ ސިނާން އަލީ ވިދާޅުވީ ސިޔާމް ޕާޓީ ހިންގެވުމާ ދުރަށް ޖެހިވަޑައިގަތީ ވިޔަފާރީގެ ކަންކަމުގައި ރާއްޖޭން ބޭރުގައި އުޅުއްވަން ޖެހިވަޑައިގަންނަވާތީ ކަމަށެވެ.
މީގެ އިތުރުން، ރިޔާސީ އިންތިޚާބުގައި ކޯލިޝަނެއް ހެދުމަށް އިންތިޚާބުގައި ވާދަކުރައްވާ އެއްވެސް ފަރާތަކުން ރަސްމީ ޕްރޮޕޯސަލެއް އަދި މިހާތަނަށް އެމްޑީއޭ އަށް ހުށައަޅާފައި ނެތުމުން، ރިޔާސީ އިންތިޚާބުގައި އެ ޕާޓީއިން ކުރިއަށް ދާނެ ގޮތެއް ދެން ބާއްވާ ކައުންސިލް ބައްދަލުވުމަކަށް އެޖެންޑާ ކުރުމަށްވެސް މިއަދުގެ ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ސިނާން ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ކޯލިޝަން އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާއިރު އެމްޑީއޭ އާއި ޕީޕީއެމާ ދެމެދު ދެބަސްވުންތަކެއް އުޅޭ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. އެހެން ނަމަވެސް ރައީސް ޔާމީން ވިދާޅުވެފައި ވަނީ ޕީޕިއެމް އާއި އެމްޑީއޭ ކޯލިޝަން އޮތީ ވަރުގަދަކޮށް ކަމަށެވެ.