އެމްޑީޕީ ސަރުކާރުގައި ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތައް މި ސަރުކާރުން ނުބެލީ ސިޔާސީ މަޝްރަހު އިތުރަށް ހޫނު ނުކުރުމަށް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އެގޮތުން ރައީސް ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ މައްސަލަތައް ދައުރުގެ ކުރީކޮޅު ބެލި ނަމަ އިދިކޮޅު މީހުން މާކުރިންސުރެ ތިބޭނީ ޖަލުގައި ކަމަށެވެ. އަދި އެ ޚިޔާނާތުގެ މައްސަލަތައް ނުބެލީ ޤައުމަށް ހަމަޖެހުން ގެނައުމަށްޓަކައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއީ ހިނގާފައި ހުރި ކަންތައްތައް. އަޅުގަނޑުގެ ފަހުން އަންނަ ބަޔަކުވެސް އެކަންކަން ބަލާނެ. އޭގެ ކުރީ ހުރި ސަރުކާރުތަކުން ވެސް މައްސަލަތައް ބަލާފައެއް ނެތް. އެހެންވެ އަޅުގަނޑު ދެންނެވިން އެ މައްސަލަތައް ބަލަން ފަށައިފި ކަމަށް ވަންޏާ އަނެއްކާވެސް އުފެދިފައި މިވާ ޒަޚަމަކަށް ފާރުތަކެއް ދުވަހަކުވެސް ފަސޭހަ ނުވާނޭ އަޅުގަނޑު ދެންނެވިން." ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން، އެމްޑީޕީ ސަރުކާރުގެ ޚިޔާނާތުގެ މައްސަލަތައް ބަލަން ފެށީ 2015 ވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާއަށް ފަހުގައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ސަރުކާރުގައި ބޮޑެތި ކޮރަޕްޝަންތައް ހިންގާފައިވާ ކަމަށް ބުނެ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން ދައްކަމުންދާ ވާހަކައަކީ ތެދެއްނަމަ، މި ސަރުކާރުން އެކަމާއިމެދު ފިޔަވަޅު ނާޅައި ނޯންނާނެ ކަމަށް ދާދިފަހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނު މާރިޔާ މުހައްމަދު ދީދީ ވަނީ ވިދާޅުވެފަ އެވެ.