Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ނޫސްވެރިޔާ އަނޫޝް އިދިކޮޅު ކޯލިޝަނާއި ގުޅެނީ

އަހްމަދު އަނޫޝް - ފޮޓޯ: ވީނިއުސް

މި ސަރުކާރުގައި ފޮރިން މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރުގެ މަޤާމު ފުރުއްވާފައިވާ މަޝްހޫރު ޓީވީ ޕްރެޒެންޓަރު އަދި ނޫސްވެރިޔާ އަހުމަދު އަނޫޝް މީޑިއާ ދޫކޮށް އިދިކޮޅު ކޯލިޝަނާއި ގުޅެން ނިންމައިފި އެވެ.

އަނޫޝް އިދިކޮޅު ފަރާތްތަކާއި ގުޅެން ނިންމިކަން އިއުލާންކޮށްފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

https://twitter.com/IamAhmedAnoosh/status/1034334763853594626

އެ ޓްވީޓްގައި އަނޫޝް ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ އަނިޔާވެރިކަން އިންތިހާއަށް ގޮސް އަދި ތަރައްޤީގެ ނަމުގައި ޤައުމު ދަރުވާލިއިރު، އެކަންކަމާއި ދެކޮޅަށް "މޭ އައްޑަނައަކަށް ހަދާ"، "އެހެން ހުރިހާ ކަމެއް ދޫކޮށް"، ކެރިހުރެ އިދިކޮޅު ކޯލިޝަނާއި ގުޅެން ނިންމާފައިވާ ކަމަށެވެ.

"ރައްޔިތުންގެ ބާރަކީ ފިސާރި ބާރެއް!"، އަނޫޝްގެ ޓްވީޓްގައި ވެއެވެ.

މީޑިއާގެ ދާއިރާއިން ފުރަތަމަ ޑިގްރީވެސް ހާސިލްކުރައްވާފައިވާ އަނޫޝް މީޑިއާ ދޫކޮށް އިދިކޮޅު ފަރާތްތަކާއި ގުޅެން ނިންމާފައިވާއިރު، އޭނާ އަކީ 2007 ވަނަ އަހަރުން ފެށިގެން މީޑިއާގައި ޙަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ.

މީޑިއާގައި ހޭދަކުރި ދުވަސްތަކުގައި އޭނާ ވަނީ ދިވެހި އަދި އިނގިރޭސި ބަހުން ވެސް ގިނަ ޕްރޮގްރާމްތަކެއް އުފައްދާ ހުށަހަޅައިދީފަ އެވެ.

އަނޫޝް އެންމެ ފަހުން މަސައްކަތްކޮށްފައިވަނީ އަމިއްލަ ޓީވީ ސްޓޭޝަނެއްކަމަށްވާ ރާއްޖެ ޓީވީގައެވެ.