Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ވައްކަން ކޮށްގެން ތަރައްގީ ގެންނަނަމަ އެއީ މަައްސަލައެއް: މާރިޔާ

ފޮޓޯ: ދަފްރެސް

ވައްކަން ކޮށްގެން ތަރައްގީ ގެންނަނަމަ ރައްޔިތުންނަށް އެއީ މައްސަލައެއްކަމަށާއި، އެކަމުގައި ރައްޔިތުންގެ ކަންބޮޑުވުން އެބަހުރިކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ދުވާފަރުގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.

ސަރުކާރުން ދުވާފަރަށް ކޮށްފައިވާ ބައެއް ކަންކަން ފާހަގަ ކުރައްވާ ރައީސް ވަނީ "އެޑްވާންސަށް ވައްކަން ކުރިޔަސް އެންމެ ރަނގަޅުތާ" ކަމަށް ވިދާޅުވެފައެވެ. ރައީސްގެ މި ވާހަކަފުޅާއި ގުޅިގެން މާރިޔާ ވިދާޅުވީ ވައްކަން ކުރީމަ ކަންބޮޑުވާން ނުޖެހޭކަމަށް ވިދާޅުވާތީ ދިވެހިން އަބަދުވެސް ބިރުގަނެ އެކަމާއި ކަންބޮޑުވާކަމަށެވެ.

ރައީސް ޔާމީން މީގެ ކުރިން އަނބިމީހާ ވެސް ވައްކަން ކޮށްގެން ގެއަށް ފައިސާ ވައްދަންޏާ އެއީ ކޮންތާކުން ހޯދި ފައިސާހޭ ނާހާނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި މިގޮތަށް މި ވާހަކަ ދައްކަވަމުން ދީނާއި ގައުމަށްޓަކައޭ ވިދާޅުވެ ކެމްޕޭން ކުރައްވަނީ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި އިސްލާމް ދީން މިގައުމުގައި އޮންނަން ބޭނުންވާނަމަ ތިމަންނާއަށް ވޯޓު ދެއްވާށޭ ވިދާޅުވާއިރު އަޅުގަނޑުމެން ސައްތައިން ސައްތަ މުސްލިމް ރައްޔިތުން ތިބޭ ގައުމެއްގައި ވައްކަން ކޮށްގެން އޭގެތެރެއިން ގެންނަ ތަރައްގީވިޔަސް އޭގައި ކޮން މައްސަލައެއްހޭ އޮންނާނީ އައްސަވާއިރު މައްސަލަ އެބައޮތް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. ވައްކަމުގެ ވާހަކަތައް ދައްކަވާތީ ރައްޔިތުންގެ ކަންބޮޑުވުން އެބައޮތް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ދިވެހި ރައްޔިތުން ޓީވީ ކައިރީގައި ތިބޭއިރު ދިވެހިރާއްޖޭގެ އެންމެ އިސްވެރިއެއްހެން ހުންނަވައިގެން، ވައްކަން ކުރުމަކީ މައްސަލައެއްނޫންކަމަށް ރައީސް ވިދާޅުވާނަމަ، އަދި އެގޮތަށް ކަންކުރެވޭނަމަ ގާނޫނުލްއުގޫބާތުގައި ވައްކަން ހިމެނުމުގެ ބޭނުމެއް ނެތްކަމަށެވެ. އޭނާ ވިދާޅުވީ އެޑްވާންސްކޮށް ވައްކަން ކުރިއްޔާ އެއީ މައްސަލައެއް ނޫނޭ ވިދާޅުވާ ރައީސެއް ހުންނަވާނަމަ އެއީ މައްސަލައެއްކަމަށާއި، އެ މައްސަލަ ބެލެންޖެހޭނެކަމަށެވެ.

ރައީސް ޔާމީން މިގޮތަށް ވިދާޅުވޮުމުގެ ސަބަބުން ވަރަށް ގިނަ އިދިކޮޅު ފަރާތްތަކުން އެކަން ކުށްވެރިކުރައްވާ ވަރަށް ބޮޑަށް އެ މަނިކުފާނަށް ފާޑުވިދާޅުވަމުން އެބަގެންދަވައެވެ.