Last Updated: June 11, 09:26
Thursday, June 11, 2026
ޚަބަރު

ވައްކަން ކުރި ބަޔަކު ދައްކާލާނަން: ފަލާހް

ވައްކަން ކުރީ ކޮން ބައެއް ކަން ބަހުސް އަކުން ދައްކާލާނެ ކަމަށް ވިދާޅުވެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް، ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރުގަދަ ޗެލެންޖެއް ކުރައްވައިފިއެވެ.

ރޭ ނ. ވެލިދޫ ނަރުދަމާއާއި ފެނުގެ ނިޒާމު ނިންމުމުގެ ގޮތުން ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހް ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ފަލާހް ވިދާޅުވީ ރައީސް ޔާމީން މިހާރުވެސް ހުންނެވީ ބަހުސްއަކަށް ދާން ތައްޔާރަށް ކަމަށެވެ. ނަމަވެސް އިބޫ އަށް ކުއްލި ގޮތަކަށް "ހުން ޖެހި" ބަހުސް އިން ރެކިގަނެފައިވާ ކަމަށް ފަލާހް ވިދާޅުވިއެވެ.

އަދި ބަހުސް އަކަށް ވަޑައިގެންފިނަމަ އިދިކޮޅު ފަރާތްތަކަށް ދައުލަތުން ވައްކަން ކުރި މީހުން ދައްކާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކޮން ސަރުކާރެއްގައި ކޮން ބަޔަކު އަޑީގައި ތިބެ، ކޮން ކުންފުނި ތަކެއްގެ މެނޭޖިން ޑިރެކްޓަރުންތޯ ވައްކަން ކުރީ ވަރަށް ސާފުކޮށް ކިޔާދެއްވާނެ ކަމަށް ފަލާހް ވިދާޅުވެފައިވެއެވެ.

ސިޔާސީ ދާއިރާއާ ގިނަ ދުވަސްތަކެއް ވަންދެން ދުރަށް ޖެހި ވަޑައިގެން ހުރުމަށް ފަހު ފަލާހް ވަނީ އަމިއްލަ ދާއިރާ ރ. އަތޮޅުގެ ރަށްތަކަށާއި ނ. އަތޮޅުގެ ރަށް ތަކަށް ރައީސް ޔާމީން ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި ބައިވެރިވެވަޑައިގެން އެމަނިކުފާނުގެ ކެމްޕޭނާއި ގުޅިވަޑައިގެންފައެވެ.