Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ޗައިނާގެ އިސް ވަފްދެއް ރާއްޖެ އަތުވެއްޖެ

މާލެއާއި ހުޅެލެއާއި ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ޗައިނާ ސަރުކާރުގެ އިސް ބޭފުޅަކު ރާއްޖެ ވަޑައިގެންފި އެވެ.

މި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން ބައިވެރިވާ ފަަސް ބޭފުޅުންގެ ވަފްދުގައި އިސްކޮށް ހުންނަވަނީ ޗައިނާގެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޖެންސީގެ ޗެއާމަން ވަންގް ޒިއާތުތާއޯ އެވެ.

ބްރިޖް ހުޅުވުމުގެ ރަސްމިއއްޔާތު މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އިރު ވަރަށް ކުލަގަދަ ރަސްމިއްޔާތަކަށް ސަރުކާރުން ދަނީ ތައްޔާރު ވަމުންނެވެ.

ސިނަމާލެ ބްރިޖްއަކީ މިހާތަނަށް ރާއްޖެއިން ކުރިއަށް ގެންދިޔަ އުމުރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއުގެ ގޮތުގައި ފާހަގަކުރެވޭ މަޝްރޫއުއެވެ. ސިނަމާލެ ބްރިޖު ހުޅުވުމަށްފަހު ބްރިޖު މަތީގައި އަންނަ ހުކުރު ދުވަހު ކައިވެނިކުރަން ބޭނުންވާ ފަރާތްތަކުގެ ކައިވެނި ޕާޓީ ބޭއްވުމަށްވެސް ސަރުކާރުން ގެންދަނީ ތައްޔާރުވަމުންނެވެ.

ބްރިޖު ހުޅުވަން ތައްޔާރުވަމުން ދިޔަ ނަމަވެސް ބްރިޖުގެ އާންމު ދަތުރުފަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ބްރިޖުގެ ދިގުމިނުގައި ދެ ކިލޯމީޓަރު އަދި ފުޅާމިނުގައި 20.3 މީޓަރު ހުރެ އެވެ. ބްރިޖުގައި ވެހިކަލްތައް ދަތުރުކުރުމަށް ހަތަރު ލޭން ހަދާފައިވާއިރު އެއީ ހުޅުލޭ ކޮޅަށް ހާއްސަ ދެ ލޭނާއި މާލޭ ކޮޅަށް ހާއްސަ ދެ ލޭނެވެ. ހުޅުލޭ ކޮޅުގެ ދެ ލޭންގައި 3.2 މީޓަރު ހުންނައިރު މާލޭ ކޮޅުގެ ދެ ލޭންގައި 3.5 މީޓަރު ހުރެ އެވެ. ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދުތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ބްރިޖު އެޅުމަށް ހަރަދުވާ 210 މިލިއަން ޑޮލަރުގެ ތެރެއިން 126 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި އަދި 72 މިލިއަން ޑޮލަރު ލޯން އެހީގެ ގޮތުގައި ދިނުމަށް ޗައިނާ ސަރުކާރުން ނިންމާފައިވާ ކަމަށްވެސް ދިވެހި ސަރުކާރުން ކުރިން ބުނެފައިވެ އެވެ. މި މަޝްރޫއަށް ދިވެހި ދައުލަތުގެ ބަޖެޓުން 12 މިލިއަން ޑޮލަރު ހަރަދުކުރުމަށްވެސް ދިވެހި ސަރުކާރުން ވަނީ ނިންމާފަ އެވެ.