Last Updated: June 11, 06:42
Thursday, June 11, 2026
ކުޅިވަރު

މޮރީނިއޯ އަށް ޔުނައިޓެޑު ބޯޑުގެ ތާއީދު އެބަ އޮތް

މެންޗެސްޓާ ޔުނައިޓެޑުގެ މެނޭޖަރ، ޖޯސޭ މޮރީނިއޯ އަށް ޔުނައިޓެޑުގެ ބޯޑުގެ ފުރިހަމަ ތާއީދު އަދިވެސް އެބަ އޮތް ކަމަށް ހާމަކޮށްފިއެވެ.

ހޯމަ ދުވަހުގެ ރޭ ޓޮޓެންހަމް އަތުން ބަލިވެ، 1992 ވަނަ އަހަރުން ފެށިގެން ފުރަތަމަ ފަހަރަށް ކުލަބުން ކުޅުނު ފުރަތަމަ ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވި ނަމަވެސް ޔުނައިޓެޑު ބޯޑު މެމްބަރުން ދެކޭ ގޮތުގައި ކުލަބުގެ ހާލަތު ރަނގަޅު ކުރުމަށް އެންމެ އެކަށީގެންވާ މީހަކީ މޮރީނިއޯއެވެ.

ހާލަތާ ގުޅޭގޮތުން މޮރީނިއޯ ބުނެފައިވަނީ ކުލަބުގެ ވައިސް ޗެއާމަން، އެޑް ވުޑްވާޑާއި ދެމެދު އެއްވެސް މައްސަލައެއް، ނުރުހުމެއް ނެތް ކަމަށެވެ.

ނަމަވެސް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި މޮރީނިއޯ ވަނީ އޭނާއަށް ޑިފެންޑަރަކު އާސީޒަނަށް މުހިންމު ކަމަށް ބުނެފައެވެ. ކުލަބުން ވަނީ ހޯދަން އެދުނު ކުޅުންތެރިން ވިއްކަން ކުލަބުތަކުން ހުށައަޅާ އަގު މާ ބޮޑު ކަމަށް ބުނެ ޑިފެންޑަރަކު ގަތުމަށް ދެކޮޅު ހަދާފައެވެ.

ޑިފެންސުން ހެދި ގޯސްތަކަކުން ޔުނައިޓެޑަށް އެންމެ ފަހަކަށް ކުޅުނު ދެ މެޗުންވެސް ޕޮއިންޓެއް ލިބިފައިނުވާއިރު ސަޕޯޓަރުންގެ މެދުގައި މޮރީނިއޯގެ ގާބިލުކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.