ބަހުސް ކުރެއްވުމަށް ވެރިކަން ކުރާ ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް ދެއްވި ދައުވަތަށް ތައްޔާރަށް ހުންނެވި ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމިތު ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމާއެކު ބަހުސް ކުރަން ތައްޔާރަށް ހުންނެވި ކަމަށް އަމީތު ވިދާޅުވެފައި މިވަނީ ސަރުކާރުން އިއްޔެ ރ.މީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އަބްދުއްރަހީމް އޭނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެކަމަށް ދައުވަތު ދެއްވުމުންނެވެ.
މީދޫ މަގު ހެދުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށް އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ އަމިތު މިހާރު ހުންނެވީ ހަރާންކޯރު ވެގެން ކަމަށެވެ. އަމިތު އިދިކޮޅާ ގުޅުނީ އިންތިހާބު ކުރި ރައްޔިތުންގެ މޫނުގައި ކޮޅު ފައިން ޖަހާފައި ކަމަށާއި ސަރުކާރަށް ފާޑު ކިޔަމުންދާ އިރު ރައްޔިތުންގެ ހައްގޭ ވިދާޅުވާން އަމީތު ލަދު ގަންނަން ޖެހޭނެ ކަމަށް ވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
ގދ.ގައްދުއަށް އުފަން އަމިތަކީ މަޑުއްވަރީ ދާއިރާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކަށް ނުވާ އިރު ވެސް އަމީތު ހޮވީ ޕީޕީއެމްގެ ލޯގޯ ވިއްކައިގެން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އަޅުގަނޑު އަމީތަށް ދަންނަވާލަން ބޭނުން ވަނީ ވަޑައިގަންނަވާށޭ އަޅުގަނޑާ އެކީގައި މި ތަނަށް ގޮނޑިއެއް ބަހައްޓައިގެން އަޅުގަނޑާއެކު ޖަދަލު ކޮށްލައްވަން. އަޅުގަނޑު ދައުވަތު އަރުވަނީ މި ތަނަށް ވަޑައިގަންނަވަން،" އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.
އަބްދުއްރަހީމްގެ އެވާހަކަތަކާއި ގުޅިގެން އަމީތު ކުރެއްވި ޓްވީޓެއްގައި އަބްދުއްރަހީމްގެ އެ ދައުވަތު ގަބޫލު ކުރައްވާ ކަމަށާއި "ޖަދަލު ކުރުމަށް" ދާންވީ ދުވަހެއް އަންގާ ދިނުން އެދޭ ކަމަށް ވަނީ ވިދާޅުވެފައެވެ.
"ޢަބްދުއްރަހީމްގެ މި ދައުވަތު ގަބޫލު ކޮށްފިން. ދައުވަތު ދެއްވާފައި ވަނީ މީދޫގައި މި ބަހުސް ބޭއްވުމަށް ކަމަށް މައުލޫމާތު ލިބިފައިވަނީ. ދުވަހެއް އަންގަވާދެއްވާ. އަޅުގަނޑު ތައްޔާރު" އަމީތުގެ ޓްވީޓްގައި ވެއެވެ.
Abdhurraheem ge mi dhauvathu gaboolu koffin.
Dhauvathu dhevvaafa vanee Meedhoo ga mi bahus beyvvumah kamah mauloomaathu libifa vanee. Dhuvaheh angavaa dhevvaa. Alhugadu thayyaaru. https://t.co/wgT1DwfJay
— Mohamed Ameeth (@MohamedAmeeth) August 28, 2018