އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައުލޫމާތު ވެރިކަން ކުރާ ޕީޕީއެމަށް ލިބިފައިވާ ކަމަށް ބެލެވޭ މައްސަލައިގެ މިނިވަން އޮޑިޓެއް ހެދުމަށް އެދި، އިދިކޮޅު ކޯލިޝަންގައި ހިމެނޭ އެމްޑީޕީން އެ ކޮމިޝަނަށް ސިޓީއެއް ފޮނުވައިފިއެވެ.
އެމްޑީޕީއިން އެ ސިޓީ އީސީއަށް ފޮނުވާފައިވަނީ އަންގާރަ ދުވަހުގައެވެ.
އެމްޑީޕީން ފޮނުވި ސިޓީގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ ފަރާތްތަކުގެ މައުލޫމާތު އެ ކޮމިޝަނުން ލީކްވެ ޕީޕީއެމްގެ އޮފީހަށް ލިބިފައިވާ ކަމަށް ޝައްކު ކުރެވޭ ކަމަށް ހާމަކުރައްވާފައިވާތީ ވީ އެންމެ އަވަހަކަށް އެ ކަމުގެ މިނިވަން އޮޑިޓެއް ހަދައި، މި ތަހުގީގު މައުލޫމާތު އާންމުކޮށް ދިނުމަށް އެދޭ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އެތެރޭގެ ތަހުގީގެއް ހިންގަވާނެ ކަމަށް ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެކަމާ ގުޅޭ މިނިވަން އޮޑިޓެއް ކޮށްގެން މެނުވީ އިންސާފުވެރިކޮށް ތަހުގީގެއް ހިނގާނެ ކަމަށް ބަލައިނުގަނެވޭނެ ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.
މިކަމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިވަން އޮޑިޓެއް ހެދުމަށް އީސީއަށް ގޮވާލާފައެވެ.