ރާއްޖޭގެ ވެރިރަށް މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިމެނޭ ހުޅުލެ ގުޅުވާލާ ބްރިޖު ކަމުގައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސީއެމްއެފްބީ) މަތީގައި ކައިވެނި ކުރާނީ ފަސް ޖޯޑެއް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސިނަމާލެ ބްރިޖު މަތީ ކައިވެނި ކުރުމުގެ ފުރުސަތު ދިނީ ފަސް ޖޯޑަކަށް ކަމަށާއި އެގޮތަށް ނިންމީ އިންތިޒާމްތައް ކުރަން ފަސޭހައަކަށް ކަމަށެވެ.
އެ ފަސް ޖޯޑުގެ ކައިވެނި ވެސް އޮންނާނީ މި ހިނގާ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ކަމަށާއި، ހުރިހާ ކައިވެންޏެއް ވެސް ކުރުން އޮންނާނީ ދުވާލު ގަޑީގައި ކަމަށާއި، ރޭގަނޑު 21:00 އަކާ ހަމަޔަށް ފޮޓޯ ނެގުން ފަދަ ހަރަކާތްތައް އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ބްރިޖް މަތީގައި ކުރާ ކައިވެނީގެ ކޮންމެ ހަފުލާއެއްގައި ބައިވެރިވެވެނީ ގިނަ ވެގެން 50 މީހުންނަށެވެ. އަދި ބްރިޖް މަތީގައި ކުރާ ކައިވެންޏަކީ އަންހެން މީހާ އާއި ފިރިހެން މީހާގެ ވެސް އަލަތު ކައިވެންޏަށް ވާން ޖެހެ އެވެ.
ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނީ ބްރިޖް މަތީގައި ޕާޓީ ބޭއްވުމަށް ފަސް ތީމެއް ވަނީ ކަނޑައަޅާފައިވާ ކަމަށާއި، ޕާޓީ ބޭއްވުމަށް އެދި ހުށަހަޅާ ފޯމްގައި ދެ ތީމެއް ޚިޔާރު ކުރެވޭނެ ކަމަށެވެ.
އެ ތީމްތަކަކީ "މޯލްޑިވިއަން"، "ޗައިނީޒް"، "ފްލޯރަލް"، "ސަންސެޓް"ގެ އިތުރުން "ވިންޓޭޖް" ތީމެވެ.
ކައިވެނީގެ ޙަފްލާގެ ކެއުމުގެ ޚަރަދާއި، ޙަފްލާ އިންތިޒާމްކުރުމުގެ އިތުރުން ފޮޓޯ ނެގުމުގެ ޚަރަދު ވެސް ދޭނީ ސަރުކާރުންނެވެ.