މާލެ އާއި ހުޅުލެ ގުޅުވައިދޭ "ސިނަމާލެ ބްރިޖް"ގެ ދަތުރުތައް ފަށާނީ އަންނަ މަހުގެ ހަތްވަނަ ދުވަހު ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއިއްޒު ވަނީ ބްރިޖް ހުޅުވުމާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ މާދަމާ ރޭ ބްރިޖް ހުޅުވުމަށްފަހު އޭގެ އަނެއް ދުވަހާއި އަންނަ މަހުގެ ފުރަތަމަ ފަސް ދުވަހު ބްރިޖް ހުޅުވުން ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ހިންގާނެ ކަމަށެވެ. އެ ހަރަކާތްތަކަށްފަހު ބްރިޖް އާންމުކޮށް ދަތުރުތަކަށް ހުޅުވާލާނީ އަންނަ މަހުގެ ހަތްވަނަ ދުވަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދަތުރުތަކަށް ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބްރިޖް ހުޅުވާލާއިރު އެ ދުވަހުން ފެށިގެން ބްރިޖްގައި ހުޅުލެ އަދި ހުޅުމާލެއަށް ދަތުރު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެމްޕީއެލްގެ ބަސްތައް ގެނެސްފައިވާ ކަމަށާއި އެ ދުވަހުން ފެށިގެން އެ ބަސްތަކުގެ ދަތުރުތައް ވެސް ފެށިގެން ދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ބަސްދަތުރުތަކުގެ ފީއެއް އަދި ކަނޑައަޅާފައިވާ ނުވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއީ ރައްޔިތުންނަށް ތަކްލީފަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ، ބްރިޖްގައި މައިގަނޑު ދެ ލޭނެއް އޮތްއިރު އެއް ލޭން ހާއްސަ ކޮށްފައިވަނީ ޕަބްލިކް ޓްރާންސްޕޯޓަށާއި އަމިއްލަ ސައިކަލްތަކަށް ކަމަށެވެ. އަނެއް ލޭންއަކީ ބަރު އުޅަނދުތަކަށް ހާއްސަކޮށްފައިވާ ލޭނެއް ކަމަށެވެ.
ބްރިޖްގައި ދަތުރުތައް ފަށަންވާއިރަށް ބްރިޖާ ގުޅޭ މާލޭގެ މަގުތައް ވެސް ތަރައްގީކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އަންނަ މަހުގެ ދޭއް ނުވަތަ ތިންވަނަ ދުވަހު މާލޭގައި ތަރައްގީކުރާ ރިންގްރޯޑް ހުޅުވާލެވޭނެ ކަމަށް ލަފާ ކުރެއްވޭ ކަމަށް ވިދާޅުވި އެވެ. ހަމަ އެގޮތަށް ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭ ވެސް އެއްކޮށް ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ.
ސިނަމާލެ ބްރިޖް މާދަމާ ރޭ ހުޅުވުމަށްޓަކައި ދަނީ ތައްޔާރު ވަމުންނެވެ. ވަރަށް ކުލަގަދަ ރަސްމިއްޔާތެއް ބޭއްވިގެން ދާނެކަމަށް މައުލޫމާތު ލިބެއެވެ.