Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ރައީސް ޔާމީންގެ ދެފައިންޕުޅު ބަނދެގެން، އެ މަނިކުފާނު ކަންތައް ކުރާގޮތަށް ކުރާކަށް ނުޖެހޭ: މާރިޔާ

ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އެމަނިކުފާނުގެ ދެފައި ނުބަދެ އިންތިހާބަށް އައުމަކީ އިދިކޮޅު ފަރާތްތަކަށް ހެދުނު ގޯހެއް ކަމަށް ވިދާޅުވެފައިވާތީ އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ އެވާހަކަފުޅުތަކަށް ރައްދު ދެއްވައިފިއެވެ.

ވާދަވެރިން އެއްފަރާތްކޮށް އިންތިހާބުގައި ވާދަ ކުރުމަކީ އިދިކޮޅު ފަރާތްތަކުގެ ވިސްނުމެއް ނޫން ކަމަށް މާރިޔާ ވިދާޅުވިއެވެ. އެއީ ރައީސް ޔާމީންގެ ސަގާފަތެއް ކަމަށާއި އަދި ރައީސް ޔާމީން އެހެން ވިދާޅުވި އިރު މިހާރު ވެސް އެމަނިކުފާނު ހުންނެވީ އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށް ލައިގެން ކަމަށް މާރިޔާ ފާހަގަ ކުރެއްވިއެވެ.

ބޮޑުތަނުން މޮޅުވާނެކަން އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫން ކަމަށާއި ކޮންމެހެން ރައީސް ޔާމީންގެ ދެފައިންޕުޅު ބަނދެގެން، އެބޭފުޅާ އެ ހައްދަވާހެން އެއްބަފާ ބޭބެ ޖަލަށްލައިގެން ދެން ތިބި ސިޔާސީ ލީދަރުން ޖަލަށް ލައިގެން އެހެން މީހަކަށް ވާދަކޮށްލަން ވެސް ފުރުސަތު ނުލިބޭނެ ގޮތަށް އެބޭފުޅާ ދެކެވަޑައިގަންނަވާ ގޮތަށް ހުރިހާ ކަމެއް ތަރުތީބުކޮށްގެން ދާކަށް ނުޖެހޭ ކަމަށެ ވެސް މާރިޔާ ވިދާޅުވިއެވެ.

ކެމްޕޭން ކުރައްވަމުން ގެންދަވާއިރު އެކި ޕޯޑިއަމް ތަކުގައި ރައީސް ޔާމީން އަދި އެ މަނިކުފާނުގެ އަރިސް ފަރާތްތަކުން ގެންދަވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޖެއްސުމުގެ ބަސްތައް ރައްދު ކުރައްވަމުންނެވެ. ހަމަ އެގޮތަށް އިދިކޮޅު ފަރާތްތަކުން ވެސް އެންމެ ތަންފުކެއް ވެސް ދޫކޮށްނުލާކަން ފާހަގަ ކުރެވެއެވެ.