Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ބިޒްނަސް ވިސާގައި ރާއްޖެ އެތެރެވެވޭ މުއްދަތު އިތުރުކޮށްފި

ރާއްޖެއަށް އައި ފަތުރުވެރިންތަކެއް ވީއައިއޭގައި - ފޮޓޯ: ޓުއަރިޒަމް މިނިސްޓްރީ

ރާއްޖެއަށް އެތެރެވާ ބިދޭސީންނަށް ދޫކުރާ ބިޒްނަސް ވިސާގެ މުއްދަތު އިތުރުކޮށްފިއެވެ.

ރާއްޖޭގެ އިމިގްރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބިޒްނަސް ވީޒާގައި އެތެރެވުމަށް ހުއްދަދޫކުރެވޭ ފަރާތްތަކަށް، އެ ހުއްދަދޫކުރެވޭދުވަހުން ފެށިގެން ރާއްޖެއެތެރެވުމަށް ދެވިފައިވާ މުއްދަތު، 15 ދުވަހުގެ ބަދަލުގައި 30 ދުވަހުގެ މުއްދަތަށް އިތުރު ކުރެވިފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ކުރި އިތުރު އިއުލާނެއްގައި ބުނެފައި ވަނީ އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބު މޮނީޓާކުރުމަށް އަދި އޮބްޒާވް ކުރުމަށް އަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ބިޒްނަސް ވިސާ ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ބިޒްނަސް ވިސާ ދޫކުރެވޭނީ، އޮބްޒަރވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ނުވަތަ މޮނީޓަރެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

އަދި ޓުއަރިސްޓުންގެ ގޮތުގައި ރާއްޖެއަށް އެތެރެވުމަށްފަހު އިންތިޚާބު އޮބްޒަރވްކުރުން ނުވަތަ މޮނީޓަރ ކުރުންފަދަ މަސައްކަތެއް ކުރުމަކީ އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ޓުއަރިސްޓް ވިސާގައި އެތެރެވެ އިންތިޚާބު ކަވަރކުރުމުގެ އެއްވެސް މަސައްކަތެއްގައި ޝާމިލުވާ ފަރާތްތަކާއިމެދު އިމިގްރޭޝަން ޤާނޫނުގައި ވާގޮތުގެ މަތީން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އިންތިޚާބު ކަވަރ ކުރުމަށް އަންނަ ފަރާތްތައް ރާއްޖެއަށް އަންނަންވާނީ ބިޒްނަސް ވިސާ އެޕްރޫވްވުމުން ކަމަށާއި، ބިޒްނަސް ވިސާ އެޕްރޫވްވުމުގެ ކުރީން އަންނަ ފަރާތްތައް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދީ ފޮނުވާލެެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

އިލެކްޝަންސް 2018 ކަވަރު ކުރުމަށް ބިޒްނަސް ވިސާއަށް އެދި ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ 15 ސެޕްޓެމްބަރ 2018 ކަމުގައި ވެސް އެ އިއުލާނުގައި ވެއެވެ.