Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ޖީއެމްއާރުގެ މައްސަލާގައި އިތުރުފުޅު ހައްދަވާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި

ފޮޓޯ: އަވަސް

އިންޑިއާގެ ޖީއެމްއާރަށް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ކުއްޔަން ދިން މައްސަލާގައި ރައީސް އަބްދުﷲ ޔާމީން އިތުރުފުޅު ހައްދަވާތީ އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

މާރިޔާ މިއަދު ވިދާޅުވީ އެއާޕޯޓު ވިއްކާލީ ކަމަށް ރައީސް ޔާމީން ވިދާޅުވާ ވިދާޅުވުމަކީ އިތުރުފުޅެއް ކަމަށެވެ. އެމްޑީޕީ ސަރުކާރުން ޖީއެމްއާރަށް އެއާޕޯޓް ވިއްކާލީ ނޫން ކަމަށާއި އެއާޕޯޓް 25 އަހަރަށް ކުއްޔަށް ދިނީ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ޖީއެމްއާރަށް އެއާޕޯޓު ކުއްޔަށް ދިނީ ހާމަ ކުރެވިފައިވާ ބިޑެއްގެ ތެރެއިން ކަމަށް މާރިޔާ ވިދާޅުވިއެވެ. އެ ބިޑިން ޕްރޮސެސް ވޯލްޑް ބޭންކާއި އިންޓޭނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން ފަދަ އިދާރާތަކުން ކައިރިން ބެލި ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވަނީ ރައީސް ޔާމީން އިތުރުފުޅު ހައްދަވާ މަންޒަރު ޕީއެސްއެމުން ގެނެސްދޭ އިރު ބްރޯޑްކާސްޓިން ކޮމިޝަނުން އެއްވެސް ކަމެއް ނުކުރާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ދާދި ފަހުން ގާސިމް އިބްރާހީމް ވެސް ވަނީ ރައީސް ޔާމީން ކޮންމެ ފަދަ ވާހަކައެއް ދެއްކިޔަސް ކޮންމެފަދަ ހަރާމް ކަންތައްތަކެއް ކުރެއްވި ކަމަށް ރައްޔިތުންނަށް އެނގޭ ގޮތަށް މީޑިއާގެ ކުރިމަތީގައި އޮޅުމެއްނެތް ސާފުބަހުން އިއުތިރާފު ވަމުންދާއިރު ވެސް މިއަޑު އިވޭ، މިކަން ބެލޭނެ ޤާނޫނީ މުއައްސަސާއެއް މި ގައުމުގައި ނެތީތޯ ސުވާލު ކުރައްވާފައެވެ.