Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

އާ ގަވަރުނަރުގެ ސޮޔާއެކު 10ރ. އަދި 100ރ. ގެ އައު ޗާޕެއް ނެރެނީ

އަލަށް ޗާޕްކޮށްގެން ގެނެސްފައިވާ 10ރ. އާއި 100ރ. ގެ ނޫޓު އަންނަ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު ނެރުމަށް ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

އެމްއެމްއޭ އިން ބުނީ "ރަން ދިހަ ފަހެއް" ނޫޓު ސީރިސްގައި ހިމެނޭ 10ރ. އާއި 100ރ. ގެ ނޫޓު އަލުން ޗާޕުކޮށްފައި ވަނީ އެ ނޫޓުތަކުގެ ސްޓޮކް ދަށްވުމުން ކަމަށާއި، އަލަށް ޗާޕްކުރި ނޫޓުތައް މިދިޔަ ޖުލައި މަހުގެ ފަސް ވަނަ ދުވަހު ރާއްޖެ އަށް ގެނެސް ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައިވާ ކަމަށެވެ.

އަލަށް ޗާޕުކޮށްގެން ނެރޭ 10ރ. އަދި 100ރ. ގެ ނޫޓުގައި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ އާ ގަވަރުނަރު އަލްފާޟިލް އަޙުމަދު ނަޞީރު އެވެ.

މި ދެ ނޫޓުގައިވާ ތާރީޚަކީ 10 މާރިޗު 2018، 22 ޖުމާދަލްއާޚިރާ 1439 ކަމަށާއި، އަލަށް ޗާޕުކޮށްގެން މިނެރޭ 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެ ކަމަށްވެސް އެމްއެމްއޭ އިން ބުނެއެވެ.