Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

އަބޫދާބީ ޔުނިވަރސިޓީގެ ސްކޮލަރޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

އޭ ލެވެލް ޓޮޕް އެޗީވާސް އެވޯޑް 2018 ގެ ތެރެއިން - ފޮޓޯ: ފަޔާޒް މޫސާ (ސަން)

ޝެއިޙް ހަމްދާން ބިން ޒަޔެދް ސްކޮލަރޝިޕަށް ކުރިމަތިލުމަށް ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަން (ޑީއެޗްއީ) އިން ހުޅުވާލައިފި އެވެ.

މި ސްކޮލަރޝިޕަކީ އެކުވެރި އަރަބް އިއްތިހާދު (ޔޫއޭއީ)ގެ އަބޫދާބީ ޔުނިވާސިޓީ އިން ބެޗްލަރސް ޑިގްރީއެއް ހާސިލްކުރުމަށް ހުޅުވާލާފައިވާ ފުރުސަތެކެވެ.

މި ފުރުސަތުގެ ދަށުން އަބޫދާބީ ޔުނިވަރސިޓީން އޮފަރކުރާ ކޯސްތަކުގެ ތެރެއިން އެ ދަރިވަރަކު ބޭނުންވާ ކޯހެއްގައި ބައިވެރިވެވޭނެ އެވެ. މި ސްކޮލަރޝިޕްގެ ދަށުން އެ ޔުނިވާސިޓީގައި ބެޗްލަރސް ޑިގްރީ ހާސިލްކުރުމުގެ ފުރުސަތު ދެވޭނީ 01 (އެކެއް) ދަރިވަރަކަށެވެ.

މި ސްކޮލަރޝިޕަށް ކުރިމަތިލާ ދަރިވަރުންގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް:

1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން.
2. ކޯސްތަކަށް ޔުނިވަރސިޓީއިން ކަނޑައަޅާފައިވާ ޖީ.ސީ.އީ އޭ ލެވެލް ޝަރުތު ފުރިހަމަވުން.
3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން.

އިނގިރޭސި ފާހެއްކަމުގައި ބަލާނީ:

ހ. CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް
ށ. IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި
ނ. TOEFL 550 އިން ފެށިގެން މަތި
ރ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް.

މި ސްކޮލަރޝިޕަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ކަމަށް ޑީއެޗްއީ އިން ބުނެއެވެ. އަދި މި ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، އަބޫދާބީ ޔުނިވަރސިޓީ ގެ ފަރާތުންނެވެ.

ޑީއެޗްއީ އިން ބުނީ މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކުން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ކިޔެވުމަށް ފުރަންޖެހުން އެކަށީގެންވާ ކަމަށެވެ.

މި ސްކޮލަރޝިޕްގެ ދަށުން ދަރިވަރުގެ ޓިއުޝަން ފީ، އެޕްލިކޭޝަން ފީ، ފޮތް، ހެލްތް އިންޝުއަރެންސް އަދި ސްޓޫޑެންޓް އެފެއާޒް ފީގެ ޚަރަދު ސްކޮލަރޝިޕް ދޭ ފަރާތުން ހަމަޖައްސައިދޭނެ އެވެ.

އެހެންނަމަވެސް، މި ސްކޮލަރޝިޕްގައި ދެކޮޅު ޓިކެޓާއި، އެކަމަޑޭޝަން ޚަރަދު ހަމަޖައްސަންޖެހެނީ ސްކޮލަރޝިޕް ލިބޭ ފަރާތުން ކަމަށާއި، ސްކޮލަރޝިޕްގެ ދަށުން އަމިއްލައަށް ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސުމަށް އެދޭނަމަ، އެ ޑިޕާޓްމަންޓް މެދުވެރިވެގެން ލޯނު ހަމަޖައްސައިދެވޭނެ ކަމަށްވެސް ޑީއެޗްއީ އިން ބުނެއެވެ.

ޑީއެޗްއީ އިން ބުނީ އެ ޑިޕާޓްމަންޓުގެ ލޯނު ސްކީމުގެ ދަށުން ކިޔެވުމަށް ލޯނު އެހީ ހަމަޖެހިފައިވާ، އަދި އެއްވެސް ޕޭމަންޓެއް ބޭނުންނުކުރާ ދަރިވަރުންނަށްވެސް މި ސްކޮލަރޝިޕަށް ކުރިމަތިލެވޭނެ ކަމަށެވެ.

މި ސްކޮލަރޝިޕްތަކަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ ސެޕްޓެމްބަރު މަހުގެ 10 ވާ ހޯމަ ދުވަހުގެ 13.30 އެވެ. އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv/ ޕޯޓަލް މެދުވެރިކޮށެވެ.