އިދިކޮޅު ފަރާތްތަކުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ސަރުކާރުގެ ބޭފުޅުންނާއި ދިމާލަށް ވަގަށް ގޮވުން ނޫން އިތުރު ކަމެއް މި ކެމްޕޭނުގައި ނުކުރެވޭ ކަމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
ނިހާން މިގޮތަށް ވިދާޅުވީ، ރައީސް ޔާމީން މިފަހުން ދުވާފަރުގައި ބޭއްވި ޖަލްސާއެއްގައި ތަރައްގީ ގެނައުމަށް އެޑްވާންސްކޮށް ވައްކަން ކުރުމަކުން މައްސަލައެއްނެތް ކަމަށް ވިދާޅުވުމާއި ގުޅިގެން ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުވިދާޅުވުމާއި ގުޅިގެންނެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ޕީޕީއެމްގެ އިސްވެރިންނަށާއި ސަރުކާރުގެ އިސްވެރިންގެ އަބުރު ކަތިލުމުގެ ގޮތުން ދޮގު ތުހުމަތުތައް ކުރަމުންދާ ކަމަށެވެ. އެގޮތުން އެބޭފުޅުންނާއި ދިމާލަށް ސާބިތުހިފޭ އެއްވެސް ހެއްކެއް ނެތި ވަގަށް ގޮވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ކެމްޕޭނުގައި އެމްޑީޕީން ރައްޔިތުންނަށް ދޭނެ، ރައްޔިތުންނަށް ކިޔައިދޭނެ ރައްޔިތުންނަށް ބުނެދޭނެ އެއްވެސް އެއްޗެއް ނެތް ކަމަށާއި، ވައުދެއް ގޮތުގައި ކޮށްދެވޭނެ ކަމެއްވެސް ނެތް ކަމަށް ނިހާން ވިދާޅުވިއެވެ. ހަމައެކަނި އެމްޑީޕީއަތުގައި އޮތީ އެންމެ އެއްޗެއް ކަމަށާއި އެއީ ވަގަށް ގޮވުމާއި ދެން އަނިޔާވެރިކަމުގެ ވާހަކަ ދެއްކުން ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ، އެވާހަކަތައް ފިޔަވާ އެހެން ވާހަކައެއް އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށާއި ރަނިންމޭޓް ފައިސަލް ނަސީމަށް ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ދެއްކިފަނުވާ ކަމަށެވެ. އަދި އެބޭފުޅުން ރައީސް ޔާމީނަށް ވަގަށް ގޮވަނީ ސާބިތު ހެއްކެއްނެތި ކަމަށްވެސް ނިހާން ވިދާޅުވި އެވެ.
ރައްޔިތުން ނިންމާފައިވާ އަބުރު ރައްކާތެރި ކުރުމުގެ ގާނޫނެއް އެބައޮތް ކަމަށާއި ރައީސް ޔާމީން އޭގެއިން އެއްވެސް ބޭފުޅަކަށް ދައުވާ ކުރާކަށް ބޭނުން ނުވާ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް ނިހާން ވިދާޅުވިއެވެ. ނަމަވެސް ޕީޕީއެމުން ދަނީ މި ހުރިހާ މައުލޫމާތެއް އެއްކުރަމުން ކަމަށާއި މުސްތަޝާރާއި ޕާޓީގެ ވެރިންނާއި ޕާޓީގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި އަދި މަޖިލީހުގެ މެންބަރުންވެސް ހިމެނޭހެން ޖުމްލަ ގޮތެއްގައި މި ސަރުކާރާއި މި ސަރުކާރުގެ ބޭފުޅުން ހިމެނޭހެން އަބުރު ކަތިލުމަށްޓަކައި އެއްވެސް ސާބިތު ހެއްކެއްނެތި ވަގަށް ގޮވާމީހުން ވަގަށް ގޮވި ގަޑިއާއި ވަގުތާ ސިކުންތު ރިކޯޑް ކޮށް އެ ބޭފުޅުން ތައްޔާރުވެ ތިއްބެވި ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ ބަޖެޓަށް ވޯޓް ނުދީ ރައީސް ޔާމީން މަސައްކަތް ކުރައްވާގޮތް އެނގިވަޑައިނުގަންނަވާ ނިކުމެވަޑައިގެން އިދިކޮޅު ފަރާތްތަކުން ވާހަކަ ދެއްކުމަކީ ރައްޔިތުންނަށްވެވޭ ހިޔާނާތެއް ކަމަށް ނިހާން ވިދާޅުވިއެވެ.
"ފައިސަލް ނަސީމަކީ ރައްޔިތުން މަޖިލީހުގެ މެންބަރެއް، އިބޫ އަކީ މަޖިލީހުގެ މެންބަރެއް، ވޭތުވެދިޔަ ހަތަރު އަހަރު ބަޖެޓަށް ވޯޓެއް ނުދެއްވާ، ރައީސް ޔާމީން މަސައްކަތް ކުރައްވާގޮތް އެނގިވަޑައިނުގަންނަވާ އެބޭފުޅުން ހަޖޫ ޖަހާ ވަގަށް ގޮވާ ކަމުގައިވާނަމަ ރައީސް ޔާމީނަށް ވިދާޅުވެވޭނެ އެންމެ ރީތިކޮށް އެވިދާޅުވެދެއްވީ، ތިމަންނާއަށް މައްސަލައެއްނެތޭ މިގައުމު ތަރައްގީ ކުރުމަށްޓަކައި ކުރެވެންހުރި ކޮންމެ ކަމެއްވެސް ތިމަން މަނިކުފާނު މިގެންދަވަނީ ކުރަމުންނޭ،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދަޅުވީ، އިދިކޮޅު ފަރާތްތަކުން ސާބިތު ނުހިފޭ ވާހަކަ ދައްކާނަމަ އެކަމަށް ދޭނެ ރައްދުވެސް އެބަހުރި ކަމަށެވެ. އަދި ސަރުކާރުގެ އިސް ބޭފުޅުންނާއި ޕީޕީއެމްގެ އިސް ބޭފުޅުންނާއި ދެކޮޅަށް ވަގަށް ގޮވާނަމަ، އެ ބޭފުޅުންނާ ޗެލެންޖު ކުރައްވަން ތައްޔާރަށް ތިއްބެވި ބޭފުޅުން ޕީޕީއެމްގައި މިއަދު މަދު ނޫން ކަމަށްވެސް ނިހާން ވިދާޅުވި އެވެ.