ގއ. ކޮލަމާފުށީ ޕީޕީއެމް ޖަގަހައަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލައިގެ ތުހުމަތުގައި އެމްޑީޕީއަށް ނިސްބަތްވާ 15 މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮލަމާފުށިން ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން ފުލުހުން ހައްޔަރުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށެވެ.
ޕީޕީއެމް އާއި އެމްޑީޕީ ސަޕޯޓަރުންގެ ދެމެދުގައި ޖެހުނު މައްސަލަ އަކާއި ގުޅިގެން ޕީޕީއެމްގެ ޖަގަހައިގައި ހުރި މޮނިއުމެންޓެއް ހަލާކުކޮށް، ދިދަފަތިތައް ބުރިކޮށް، ގާތްގަނޑަކަށް 40 ހޮޅި ދަނޑި ނައްޓާލާފައިވާކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އަދި ޖަގަހައަށް ގެއްލުން ދިން މައްސަލަ ޕޮލިހަށް ހުށަހަޅާފައިވަނީ ޕީޕީއެމްއިންނެވެ.
ކޮލަމާފުށިން ވާހަކަ ދެއްކި މީހަލު ބުނީ މިހާތަނަށް 15 މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފައިވާ އިރު އިތުރު ދެ މީހަކު ހޯދުމަށް މިހާރުވެސް އެރަށުގެ ފްލެޓު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުގައި ޕީޕީއެމްގެ ސަޕޯޓަރުން އެމްޑީޕީން ދަމާފައިވާ ދިދަތައް ހަލާކުރާ މަންޒަރު ފެނެއެވެ. އަދި އެހެން ވީޑިއޯއެއްގައި އެމްޑީޕީގެ ސަޕޯޓަރުން ޕީޕީއެމްގެ ދިދަތައް ގެއްލުންދޭ މަންޒަރުވެސް ފެނެއެވެ.
މިހާދިސާ އާއި ގުޅިގެން ޕީޕީއެމްއަށް ނިސްބަތްވާ އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ އިރު ހައްޔަރު ކުރި މީހުން ހައްޔަރު ކޮށްފައިވަނީ "އެންގި ގޮތަށް" ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އެމީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެއެވެ.