Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

އެސްޔޫއެލްގެ މެނޭޖްމަންޓަށް ބަދަލު ގެނެސްފި!

ރައީސް ބުދަ ދުވަހު އައްޑު އަށް ވަޑައިގަތުމުން ޒަރީރު މަރުހަބާ ކިއުމަށް ސަލާން ކުރަނީ. ފޮޓޯ/ ރައިސް އޮފީސް

ފެނަކަ ކޯޕަރޭޝަނުގެ ދަށުން ހިންގަމުން އަންނަ ސަދަން ޔޫޓިލިޓީ ލިމިޓެޑް (އެސްޔޫއެލް) ގެ މެނޭޖްމަންޓަށް ބަދަލު ގެނެސްފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ މެނޭޖްމަންޓަށް ގެނައި ބަދަލަކީ އެސްޔޫއެލް ކުރިން ހިންގަމުން އައި އަބްދުﷲ ޒުހައިރު(އަބްހަރީ ޒުހައިރުގެ) ގެ މަތިން ރީޖަނަލް ޑައިރެކްޓަރެއްގެ ގޮތުގައި ހިތަދޫ ކައްބާބުގޭ ހުސެއިން ޒަރީރު ހަމަޖެއްސުމެވެ.

އަދި ޒަރީރުގެ ދަށުން ޑައިރެކްޓަރުންގެ ފެންވަރުގައި ޒުހައިރު އާއި ހިތަދޫ ހޭޅި، މުހައްމަދު ޒުހައިރު ހަަމަޖެއްސުމެވެ.

ފެނަކަ ކޯޕަރޭޝަނުގެ ދަށުން މިހާރު ހިންގާނީ ހުޅުމީދޫ އިންޖީނުގެ އާއި އައްޑޫ މަރުކަޒީ އިންޖީނުގެ އެކަނިއެވެ. ކުރިން އެސްޔޫއެލްގެ ބެލުމުގެ ދަށުގައި އޮތް މުނިސިޕަލް ސާވިސް ވަނީ މިހާރު މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ގެ ދަށައް ބަދަލުކޮށްފަ އެވެ.

ނަމަވެސް ރަސްމީ ލިޔެކިއުން އަދި ނުނިމޭ ކަމަށް ފެނަކަ އިން ބުނެ އެވެ.

އެސްޔޫއެލްގެ ރީޖަނަލް ޑައިރެކްޓަރަކަށް ހަމަޖެއްސި ހުސެއިން ޒަރީރުއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހިތަދޫ އަވަށު ބޯޑުގެ ރައީސް ކަން ކުރައްވަމުން ދަނިކޮށް ކައުންސިލުން ވަކިކޮށްފައިވާ މީހެކެވެ.

އޭނާ މަގާމުން ވަކި ކުރީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގެއެއްގެ ރަޖިސްޓްރީ ކުރި ކަމުގެ ތުހުމަތުގައި ކައުންސިލުންނެވެ. އަދި އެ މައްސަލަ ފުލުހުންނަށް ވެސް ކައުންސިލުން ރިޕޯޓްކޮށްފައިވެ އެވެ.

ކުރިން އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވި ޒަރީރު އަވަށު ބޯޑުގެ ރައީސް ކަމުން ވަކި ކުރުމަށް ފަހު ދުވަސްކޮޅަކުން ވަނީ ޕީޕީއެމް އާއި ގުޅިފައެވެ.

އަދި ނިމިގެން ދިޔަ ޕީޕީއެމް ރިއާސީ ޕްރައިމަރީގައި ބަލިވެވަޑައިގެންނެވި އުމަރު ނަސީރުގެ ކެމްޕެއިންގައި ހިތަދޫގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ވެސް ޒަރީރު އެވެ.