Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ބްރިޖުގެ ހަގީގީ ތަސައްވުރަކީ ރައީސް ނަޝީދުގެ ތަސައްވުރެއް: ރައީސް ވަހީދު

ހުޅުލެއާއި މާލެއާ ދެމެދު އަޅާފައިވާ ބްރިޖުގެ ހަގީގީ ތަސައްވުރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތަސައްވުރެއް ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި މިއަދު ވިދާޅުވީ ބްރިޖުގެ ހަގީގީ ތަސައްވުރަކީ ރައީސް ނަޝީދުގެ ތަސައްވުރެއް ކަމަށެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ބްރިޖުގެ ދެ ކުރެހުމެއް ގެންގުޅުއްވި ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ. ދެ ކުރެހުން ވެސް ރައީސް ނަޝީދު ދައްކަވާލެއްވި ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ރައީސް ނަޝީދު ގެންގުޅުއްވި ބްރިޖުގެ އެއް ކުރެހުމުގައި ބްރިޖު އަޅަން ނިންމާފައި އޮތީ މާލެއިން ފޮނަދޫ އަށް އަދި ފުނަދޫއިން ހުޅުލެއަށް ކަމަށް ވިދާޅުވި އެވެ. އަދި ދެވަނަ ކުރެހުމުގައި ވަނީ މާލެ އިން ސީދާ ހުޅުލެއަށް ބްރިޖު އެޅުމަށް ކަމަށްވެސް ވިދާޅުވި އެވެ.

ބްރިޖްގެ ތަސައްވުރަކީ ރައީސް ނަޝީދުގެ ތަސައްވުރަކަށްވީ ނަމަވެސް ބްރިޖު މަޝްރޫއު ތަންފީޒު ކުރެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. އެހެންކަމުން ބްރިޖު މަޝްރޫއުގެ ހުރިހާ ތައުރީފެއް ހައްގުވަނީ ރައީސް ޔާމީނަށް ކަމަށްވެސް ރައީސް ވަހީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ވަހީދު ވިދާޅުވީ ތާރީހީ މިމަޝްރޫއު ހަގީގަތަކަށް ހެދުމަށްޓަކައި ކުރިއަށް ގެންދިޔަ މަތީފެންވަރުގެ ފުރަތަމަ މަޝްވަރާތައް ޗައިނާގެ ޕްރިމިއާ ވެން ޖިއާބޯއާއެކު ކުރައްވަން އެމަނިކުފާނަށް ފުރުސަތު ލިބިވަޑައިގަތުމަކީ އުފާ ކުރައްވާ ކަމެއް ކަމަށެވެ.

ބްރިޖު މަޝްރޫއު ހަގީގަތަކަށް ވުމުން ރައީސް ވަހީދުގެ މެސެޖުގައި ވަނީ ކުރީގެ ރައީސް ނަޝީދަށާއި ރައީސް ޔާމީނަށާއި ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ޝުކުރު އަދާ ކުރައްވާފަ އެވެ. މީގެއިތުރުން ޝުކުރުގެ ލިސްޓުގައި ރައީސް ވަހީދު ވަނީ ރާއްޖެއިން ޗައިނާ އަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުގައި މީގެކުރިން ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ރަޝީދާއި، ޗައިނާގައި މިހާރު ހުންނަވާ ދިވެހި ސަފީރު މުހައްމަދު ފައިސަލްގެ ނަން ވެސް ހިމަނުއްވާފަ އެވެ.

ރައީސް ވަހީދު އިތުރަށް ވިދާޅުވީ ބްރިޖު ހުޅުވުމުގެ ތާރީހީ ވަގުތަކީ ދިވެހިން އުފާވެރިކަމާ އެކު ފާހަގަކުރަންޖެހޭ މުނާސަބަތެއް ކަމަށާއި އަދި މިއީ މާތްﷲއަށް ޝުކުރުވެރިވާންޖެހޭ މަޝްރޫއެއް ކަމަށެވެ.

ހުޅުލެއާއި މާލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު މިރޭ ހުޅުވުމަށްފަހު އަންނަ މަހުގެ ހަތްވަނަ ދުވަހު އާންމުންނަށް ބްރިޖު ހުޅުވާލުމަށް ވަނީ ނިންމާފަ އެވެ. މި ބްރިޖް ހުޅުވުމަށްޓަކާ ވަރަށް ކުލަގަދަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓަރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.