ތަފާތު އެކި ކަންކަމުގެ ތުހުމަތުގައި ކަމަށް ބުނެ ގުޅިފައިވާ ސިޔާސީ ޕަޓީތަކަށް ނިސްބަތްވާ ފަރާތްތައް ހައްޔަރު ކުރަމުންދާ ކަމަށާއި އެކަމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ވޯޓުދޭ މީހުން އިތުރުވެގެންދާނެ ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
މިފަދަ އަމަލުތަކުގެ ސަބަބުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ހަރަކާތްތަކަށް އެއްވެސް ވަރަކަށް އަސަރެއް ނުކުރާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި އިސްލާހީ ހަރަކާތުގައި މިހާރަށް ވުރެ ގިނައިން މީހުން ނުކުންނާނެ ކަމަށް ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ޝިފާޒް ވިދާޅުވެފައިވާ ކަމަށް އޮންލައިން ނޫސް ރާއްޖެ.އެމްވީ އިން ރިޕޯޓް ކޮށްފައިވެއެވެ.
މިހާރުން މިހާރަށް ދިވެހި ފުލުހުން ކުރައްވަމުން ގެންދަވާ ނާތަހުޒީބު އަމަލު ދޫކޮށްލެއްވުމަށް ޝިފާޒް ވަނީ ގޮވާލައްވާފައެވެ. އަދި އެއީ އެއްވެސް ހާލެއްގައި ރާއްޖެއިން ފެންނަންޖެހޭ ކަމެއް ނޫން ކަމަށް ވެސް ޝިފާޒް ވަނީ ވިދާޅުވެފައެވެ. ޝިފާޒު ވިދާޅުވީ، ފުލުހުން މެދުވެރިކޮށް ހިންގާ މިފަދަ އަމަލުތަކަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް އޮތް ތާއީދުގެ މަންޒަރު ފެނިގެން ކުރައްވާ ކަންކަން ކަމަށެވެ.
ކެމްޕެއިން ހަރަކާތްތަކުގައި ތަފާތުކުރާ މިންވަރު މާލެއަށް ބަލާލުމުން ވެސް ފެންނާނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ. ޕީޕއެމްގެ ދިދަ ފަތިތައް ފުލުހުންގެ ކެމެރާތަކުގެ ދަށުން ދެމުމުން. ފުލުހުންނަށް ކެރުނީ ހަރުކޮށްފައި ހުރި ކެމެރާތައް ދިދަފަތިތަކަށްވުރެ ތިރިކުރަން ކަމަށާއި އެހެން ނަމަވެސް ދިދަފަތިތައް ނަގާކަން ނުކެރުނު ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން ދިދަ ނަގަން ފެށުމުން އެއްވެސް ވަރަކަށް ކެތްނުވާ ކަމަށާއި ރައީސް އަބްދުﷲ ޔާމީނަށް ކެތްނުވެގެން ކުރައްވާ މިފަދަ ކަންކަން ދިވެހި ފުލުހުން މެދުވެރިކޮށް ކުރައްވާތީ ހިތާމަކުރައްވާ ކަމަށް ޝިފާޒް ވިދާޅުވިއެވެ.
ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލާލި ކަމުގައި ވިޔަސް ފެންނަމުންދަނީ ޕީޕީއެމްގެ ބެނާތަކާއި ދިދަފަތި ތަކެވެ. ގުޅިފައިވާ އިއްތިހާދުގެ ކެމްޕޭން ބެނާތަކާއި ދިދައަކަށް ޖާގަ ނުދެއްވާކަން އެކި ބޭފުޅުން ދަނީ ކެނޑިނޭޅި ވިދާޅުވަމުންނެވެ.