Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ބްރިޖާ އެކު ހުޅުމާލޭގެ ބައެއް މަގުތަކުގެ ޓްރެފިކަށް ބަދަލު ގެންނަނީ

ހުޅުލެއާއި މާލެއާ ދެމެދު އަޅާފައިވާ ބްރިޖް ހުޅުވުމުން ހުޅުމާލޭގެ ބައެއް މަގުތަކުގެ ޓްރެފިކަށް ބަދަލު ގެންނަން ނިންމައިފި އެވެ.

ބްރިޖު ހުޅުވާމާއެކު ހުޅުމާލޭގެ ހަތަރު މަގެއްގައި ދަތުރުކުރާ ގޮތް ބަދަލުކުރަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވެއެވެ.

ބަދަލު ގެންނަން ނިންމާފައިވާ މަގުތައް:
– ސައިމާ ހިނގުން ނިރޮޅުމަގު ގުޅޭ ހިސާބުން ފެށިގެން ނިރޮޅުމަގު ބޯށިމާ ހިނގުން ގުޅޭ ހިސާބަށް އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވާ ގޮތަށް
– ބޯށިމާ ހިނގުން ނިރޮޅުމަގު ގުޅޭ ހިސާބުން ފެށިގެން ބޯށިމާ ހިނގުން ރީތިގަސް މަގު ގުޅޭ ހިސާބަށް އިރުން ހުޅަނގަށް އެއްކޮޅަށް ދުއްވާ ގޮތަށް
– ބޯށިމާ ހިނގުން ރީތިގަސް މަގު ގުޅޭ ހިސާބުން ފެށިގެން ރީތިގަސް މަގު ސައިމާ ހިނގުން ގުޅޭ ހިސާބަށް ދެކުނުން އުތުރަށް އެއްކޮޅަށް ދުއްވާ ގޮތަށް
– ރީތިގަސް މަގު ކަށިމާ ހިނގުން ގުޅޭ ހިސާބުން ފެށިގެން ކަށިމާ ހިނގުން ނިރޮޅުމަގު ގުޅޭ ހިސާބުން ހުޅަނގުން އިރަށް ދުއްވާ ގޮތަށް

ހުޅުމާލޭގެ ހަތަރު މަގަކުން ދަތުރުކުރާ ގޮތް ބަދަލުކުރަން ނިންމާފައިވީ ނަމަވެސް އިތުރު މަގެއްގައި ދަތުކުރާ ގޮތަށް ބަދަލު ގެނެސްފައި ނުވާ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ. ބްރިޖު ހުޅުވި ނަމަވެސް ހުޅުމާލޭގެ ޓްރެފިކަށް ބާރުބޮޑުވެގެން ނުދާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

ބްރިޖު ހުޅުވުމަށް މިރޭ ކުލަގަދަ ރަސްމިއްޔާތެއް ބޭއްވި ނަމަވެސް ބްރިޖު އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.