އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް މި ދަނޑިވަޅުގައި ގއ. ކޮލަމާފުއްޓަށް ދަތުރުނުކުރައްވާ މަޑުކޮށްލެއްވުމަށް ފުލުހުން އެ މަނިކުފާނު އަރިހުން އެދިވަޑައިގެންފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާން ސުޕުރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އިބްރާހީމް މުހައްމަދު ސޯލިހު އަރިހުން އެގޮތަށް އެދިވަޑައިގެންނެވީ މި ވަގުތު ސަލާމަތީ ކަންކަން އެކަމަށް ތަން ނުދޭތީ ކަމަށެވެ.
މާހައުލު ރައްކާތެރިނޫން ކަމަށް ވިދާޅުވެ އިބްރާހީމް މުހައްމަދު ސޯލިހް ކޮލަމާފުއްޓަށް ދަތުރު ނުކުރެއްވުމަށް އެދިވަޑައިގެންނެވި ކަމަށް ޝިފާން ވިދާޅުވުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ ފުލުހުންގެ ޒިންމާ އަދާ ކުރެއްވުމުގައި ނުކުޅެދިއްޖެ ކަމަށް ވާހަކަ ދައްކަވަމުންނެވެ.
ގއ. ކޮލަމާފުށީގައި ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ސަބަބުން މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ އެރަށުން 18 ޒުވާނުން ހައްޔަރު ކޮށްފައެވެ. ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާންވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި ފުލުހުންނަކީ ވަކި ބަޔަކަށް ނޫނީ ވަކި ސިޔާސީ ޕާޓީއަކަށް ވާގިވެެރިވާނެ ނުވަތަ ހިމާޔަތް ދެއްވާނެ ފަރާތެއް ނޫން ކަމަށާއި ހަމަހަމަ ކަމާއެކު ފުލުހުންގެ ޒިންމާ އަދާ ކުރައްވަމުން ގެންދަވާނެ ކަމަށް ޝިފާން ވަނީ ވިދާޅުވެފައެވެ.
އެހެން ނަމަވެސް އިއްޔެ ކޮލަމާފުށިން ފެނިގެން ދިޔަ ހަމަނުޖެހުމުގެ ވީޑިއޯތަކުން ފެންނަނީ ޕީޕީއެމްގެ ދިދަތައް އެމްޑީޕީއަށް ނިސްބަތްވާ ސަޕޯޓަރުން ނަގަމުން ދިޔައިރު އެމްޑީޕީގެ ދިދަތައްވެސް ޕީޕީއެމުގެ ސަޕޯޓަރުން ނަގަމުން ދިޔަ މަންޒަރުތަކެވެ. މިހެން މިކަން އޮތް އިރު ހައްޔަރު ކުރެވުނީ ހަމައެކަނި އެމްޑީޕީގެ ސަޕޯޓަރުން ކަމަށް ވުމުން ވަކި ކޮޅަކަށް ފުލުހުން ނުޖެހޭ ކަމަށް ވިދާޅުވާ ވާހަކަ ތަކަކީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށް ގިނަ ފަރާތްތަކުން ފާހަގަ ކުރައްވައެވެ.