Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ބްރިޖް ހަގީގަތަކަށް ހެދި ޕީޕީއެމްގެ ސަރުކާރުގައި މަސައްކަތް ކުރަން ލިބުމުން ފަޚުރުވެރިވަން: ދުންޔާ

ފޮޓޯ: ދަޕްރެސް

މޯލްޑިވްސް ފްރެންޑޝިޕް ބްރިޖް ހަގީގަތަކަށް ހެދި ޕީޕީއެމްގެ ސަރުކާރުގައި މަސައްކަތް ކުރަން ލިބުމުން ފަހުރުވެރިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ސަރުކާރަށް ތައުރީފް ކުރައްވައިފިއެވެ.

ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދިޔަ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު "ސިނަމާލެ" ބްރިޖްގެ މަސައްކަތް ނިމުމާއެކު މިރޭ ކުލަގަދަ ހަފްލާއެއްގައި ބްރިޖް ހުޅުވުމަށް ތައްޔާރުވަމުންދާއިރު، މިއީ ހުރިހާ ރައްޔިތުންނަށް އޭގެ ސަބަބުން މަންފާކުރާނެކަމެއް ކަމަށް ދުންޔާ މިއަދު ކުރެއްވި ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.

ނުވާނެ ކަމެއްގެ ތެރެއިން ހުޅުމާލެ އެއީ ހަގީގަތަކަށް ހެއްދެވި ކުރީގެ ރައީސް މައުމޫންގެ ހަނދާންތައްވެސް އާކުރައްވާކަމަށް ވެސް އެ ކަމަނާ ވަނީ ވިދާޅުވެފައެވެ.

މިސަރުކާރުގެ ފޮރިން މިނިސްޓަރުކަމާއި، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ދުންޔާ އިސްތިއުފާ ދެއްވާފައި ވަނީ އެކެއް ފެބްރުއަރީގެ އަމުރާއި ގުޅިގެން، އެމަހުގެ 27 ވަނަ ދުވަހުއެވެ. ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ދުންޔާ އައްޔަން ކުރެއްވުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.

ފޮރިން މިނިސްޓަރުކަމުން އޭނާ އިސްތިއުފާ ދެއްވާފައިވަނީ، އޭނާގެ ބައްޕާފުޅު މައުމޫން މި ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންދެވި ހިސާބުންނެވެ.

ސްޓޭޓް މިނިސްޓަރު ކަމުން ދުންޔާ އިސްތިއުފާ ދެއްވުމަށްފަހު ވިދާޅުވެފައިިވަނީ މުޅި ދިވެހި ގައުމަށް މިވަގުތު ކުރިމަތިވެފައިވާ ދަތި އަދި ހިތާމަވެރި ވަގުތުގައި އޭނާ ހުންނެވީ ބައްޕާފުޅު މައުމޫނާއި އެކުގައި ވަރަށް ސާބިތުކަމާއެކުގައި ކަަމަށެވެ. އެހެންނަވަމެސް ސަރުކާރުން އިސްތިއުފާ ދެއްވިނަމަވެސް އޭނާ އިދިކޮޅު ހަރަކާތްތަކުން ފެނިވަޑައިނުގަންނަވައެވެ. އަދި އޭނާ ތާއިދު ކުރައްވަނީ ކޮންކޮޅަކަށް ކަމެއް މިހާތަނަށް ހާމަކުރައްވާފައެއް ވެސް ނުވެއެވެ.

ދުންޔާ އެ ކަމަނާގެ ބައްޕާފުޅުގެ ހާލުކޮޅު ގޯސްވުމުގެ ސަބަބުން އެފަދަ ކޮންމެ ދަނޑިވަޅެއްގައި ބައްޕަ ނެތުމުން އެކަމަށް ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވަމުން ގެންދަވައެވެ. އެހެން ނަމަވެސް ސަރުކާރުގެ ކަންކަމަށް އެ ކަމަނާ އެއްވެސް ވަރަކަށް ފާޑުވިދާޅުވާ ތަނެއް ފަހަކަށް އައިސް ފެނިފައިނުވެއެވެ.