Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ހުމާއި ރޯގާ އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި

މިދުވަސްވަރަކީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ހައްޖާޖީން ރާއްޖެ އަންނަ ދުވަސްކޮޅަސްވުމާއެކު ހުމާއި އަރިދަފުސް ރޯގާ އިތުރުވެދާނެތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މިދުވަސްވަރަކީ ރާއްޖެއިން ހައްޖަށް ދިޔަ ހައްޖާޖީން އެނބުރި ރާއްޖެ އަންނަމުންދާ ދުވަސްވަރުކަމުން އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް އަރިދަފުސް ރޯގާ އަދި ވައިރަފް ހުން އިތުރުވެދާނެކަމަށް އެޗްޕީއޭ އިން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ. އަދި އެފަދަ ބަލިތަކަކީ ގައިންގަޔަށް ވަރަށް ފަސޭހައިން ފެތުރިދާނެ ބަލިތަކަކަށް ވުމުން އެކަމަށް ސަމާލުވުމަށް އެޗްޕީއޭ އިން އެދެއެވެ.

އިއްޔެ އިން ފެށިގެން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރި ފަރާތްތަކަށް ހާއްސަކޮށް އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް ހުޅުވާފައިވާ ކަމަށާއި އެކްލިނިކުން އިރުއޮއްސި 6:00 އިން ރޭގަނޑު 12:00 އަށް ހިދުމަތްދޭނެކަމަށް އެޗްޕީއޭން ބުނެއެވެ.

ހައްޖުން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުންއައިސް، ކެއްސާ، ނޭވާލާން އުނދަގޫވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯއްދުމަށް އެޗްޕީއޭ އިން އިލްތިމާސްކުރާއިރު ޑޮކްޓަރަށް ދައްކަންދާއިރު އައި.ޑީ ކާޑާއި ހައްޖު ގުރޫޕްތަކުން ދީފައިވާ އައިޑެންޓިފިކޭޝަން ކާޑު ނުވަތަ ޕާސްޕޯޓް ގެންދިއުމުން ފްލޫ ކްލިނިކުން ހިދުމަތް ލިބޭނެކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިފަދަ ދުވަސްވަރުގައި އާންމުކޮށް ބަލި ފެތުރި ހާއްސަކޮށް ކުޑަކުދިން ބަލިވުން ގިނަވަމުންދާ ކަން ފާހަގަކުރެވެއެވެ. އެހެން ކަމުން ކުދިން ގެންގުޅުމުގައި ސަމާލުވުމަށާއި ގެދޮރު ސާފުކޮށް ބެލެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުން ވަރަށް މުހިއްމުވާނެއެވެ.