Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ބްރިޖްގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރާނެ: ހައުސިން މިނިސްޓްރީ

ސިނަމާލެ ބްރިޖް ރަސްމީކޮށް ބުރާސްފަތި ދުވަހު ހުޅުވާއިރު، ދަތުރުކުރާ ފަރާތްތަކަށް ހާއްސަކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީ މީޑިއާ ކޮންސަލްޓަންޓް އަހްމަދު ފަޒާލް އާއި ހަވާލާދީ ރާއްޖެ.އެމްވީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބްރިޖްގައި ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް މިނިސްޓްރީން ވަނީ ނިންމަވާފައެވެ އަދި ބްރިޖް އާންމުންނަށް ހުޅުވާލުމުގެ ކުރިން މި ފިޔަވަޅުތައް މިނިސްޓްރީން ހާމަކުރާނެ ކަމަށް ވެސް ފަޒާލް ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް، ފިޔަވަޅުތަކަކީ ކޮބައިކަން ފަޒާލް ވިދާޅުވެފައިނުވާ ކަމަށް ނޫހުގައި ބުނެފައިވެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ (މިރޭ) ރަސްމީކޮށް ބްރިޖް ހުޅުވި ނަމަވެސް، ބްރިޖްގައި ވެހިކަލްތަކުގައި އާންމުންނަށް ދަތުރުކުރަން ފެށޭނީ އަންނަ މަހުގެ 7 ވަނަ ދުވަހުން ފަށައިގެންނެވެ.

މިރޭ ބްރިޖް ހުޅުވުމަށް ވަރަށް ކުލަގަދަ ރަސްމިއްްޔާތަކަށް ދިވެހި ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތް ކުރުމަށް 1،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާއިރު، ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވެއެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. މި މަޝްރޫއަށް ދިވެހި ދައުލަތުގެ ބަޖެޓުން 12 މިލިއަން ޑޮލަރު ހޭދަކުރެއެވެ.