Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ޕޮލިސް ޝިފާން އަކީ ޔާމީންގެ އަޅެއް: މަހްލޫފް

ކޮނޑަށް މަހްމާ އަރުވައިގެން، މޭމަތީ ކުލަބަރިއެއް ޖަހައިގެން މޭފުއްޕާފަ ހުއްޓަސް އަހުމަދު ޝިފާން އަކީ ޔާމީން އަބްދުލްޤައްޔޫމްގެ އަޅެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިއަދު ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ މަހްލޫފް ވަނީ ޕޮލިހުން ހިންގާ އަދި ރާވާފައިވާ ހުރިހާ ޖަރީމާ ތަކެއްގެ މުގުލުގައި ހުރި އެކަކީ ޝިފާން ކަމަށް ވިދާޅުވެފައެވެ.

މިއަދު ކުރެއްވި ޓްވީޓްގައި މަހްލޫފް އިތުރަށް ވިދާޅުވީ ސުވާލު އަޑުއެހުމުގެ ގާބިލްކަން ޝިފާން އަށް ނެތް ކަމަށެވެ. ޖަވާބު ވެސް ނުދެވޭ ކަމަށާއި ނުވެސް ދެވޭނެ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިން ކުރައްވަން އުޅުއްވި ސުވާލުތައް ފުރިހަމަ ނުކުރެވެނީސް ޝިފާން ވަނީ ހުއްޓުވާފައެވެ. އަދި އެކަށީގެންވާ ޖަވާބުތަކެއް ސުވާލުތަކަށް ޝިފާން ދެއްވާފައިނުވާކަން ގިނަ ފަރާތްތަކަކުން ފާހަގަ ކުރައްވައެވެ.

،މިއަދުގެ ބައްދަލުވުމުގައި ޝިފާން ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް މި ދަނޑިވަޅުގައި ގއ. ކޮލަމާފުއްޓަށް ދަތުރުނުކުރައްވާ މަޑުކޮށްލެއްވުމަށް ފުލުހުން އެ މަނިކުފާނު އަރިހުން އެދިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ. އިބްރާހީމް މުހައްމަދު ސޯލިހު އަރިހުން އެގޮތަށް އެދިވަޑައިގެންނެވީ މި ވަގުތު ސަލާމަތީ ކަންކަން އެކަމަށް ތަން ނުދޭތީ ކަމަށެވެ.

މާހައުލު ރައްކާތެރިނޫން ކަމަށް ވިދާޅުވެ އިބްރާހީމް މުހައްމަދު ސޯލިހް ކޮލަމާފުއްޓަށް ދަތުރު ނުކުރެއްވުމަށް އެދިވަޑައިގެންނެވި ކަމަށް ޝިފާން ވިދާޅުވުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ ފުލުހުންގެ ޒިންމާ އަދާ ކުރެއްވުމުގައި ނުކުޅެދިއްޖެ ކަމަށް ބުނެ ވާހަކަ ދައްކަވަމުންނެވެ.