Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ހުވަދޫއިން ރައީސް ޔާމީން ބޮޑުތަނުން ބަލިވެއްޖެ: މާރިޔާ

ފޮޓޯ:ދަޕްރެސް

ހުވަދު އަތޮޅުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ބޮޑުތަނުން ބަލިވެއްޖެ ކަމަށް، އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާން މަަރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

މާރިޔާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ޕީޕީއެމް އޮފީހުންދޭ ލިސްޓެއް ބަލައިގެން, ކޯޓް އޯޑަރެއް ހިފައިގެންނޭ ކިޔާފަ ފުލުހުން ގޮސް، ގއ. ކޮލަމާފުށިން މީހުންތައް ބަންދުކުރަމުން ގެންދާ ކަމަށެވެ. އަދި އެއީ އަންނަ އިންތިހާބުގައި ހުވަދު އަތޮޅުން ރައީސް ޔާމީން ބަލިވެވަޑައިގެންފައިވާކަމުގެ އަލާމާތެއް ކަމަށާއި، އެއަތޮޅުން އެމަނިކުފާނު ބަލިކުރެވިއްޖެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ގއ. ކޮލަމާފުށީގައި ޕީޕީއެމްގެ ޖަގަހަކަށް ވަދެ ހަމަނުޖެހުންތަކެއް ހިންގާ ގެއްލުން ދިން މައްސަލައިގައި އިދިކޮޅު 18 މީހަކު އެ ރަށުން ހައްޔުރި ކުރި މައްސަލައަށް އިޝާރަތް ކުރައްވަމުން މާރިޔާ މިއިން މިފެންނަނީ ހުވަދޫގައި ރައީސް ޔާމީން ހަމަ ބޮޑުތަނުން ބަލިވެއްޖެކަން ކަމަށެވެ. އެއިން އެއްވެސް ގޮތެއް ނެތިގެން ޕީޕީއެމް އޮފީހުންދޭ ލިސްޓެއް ބަލައިގެން އައިސް ކޯޓް އޯޑަރެއް ހިފައިގެންނޭ ކިޔާފަ މީހުންތައް ބަންދުކުރަމުން ފުލުހުން ދަނީ އެއްވެސް ހާލަތެއްްގައި އެއްވެސް ތަހުގީގެއް ނުކޮށް ކަމަށެވެ.

މާރިޔާ ވިދާޅުވީ މަަކަރާއި ހީލަތް ހެދުމުގެ ފުރުސަތު ނުދީ އިންތިހާބުގެ ނަތީޖާއިން ރައީސް ޔާމީން ބޮޑުތަނުން ބަލިކުރާނެ ކަމަށެވެ. އަދި އިންތިހާބާ ހަމައަށް ދާއިރު ރައީސް ޔާމީނަށް ތާއީދު ކުރާ މީހުން ނުތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި މީޑިއާ ކުރިމަތީގައި އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ހުޅުމާލެއަށް ވަޑައިގެންނެވި ދުވަހު، ފެނިގެން ދިޔައީ މާރާމާރީ ހިންގާ، ކަޅުތެޔޮ ޖަހައި މިނޫނަސް ހަމަނުޖެހުންތައް ހިންގިތަން ކަމަށާއި، އެމްޑީޕީގެ ފަރާތުން އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މީޑިއާގައި ހެއްކާ ގަރީނާ އެބަހުރި ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އެކަމަކު އެއްވެސް ގޮތަކަށް އެއްވެސް މީހަކު ހައްޔަރު ކުރިކަމަށް މައުލޫމާތެއް ލިބިފައެއް ނުވާ ކަމަށާއި އިހަށް ދުވަހު ހުޅުމާލެއިން ފެނިގެން އެދިޔައީ އެބޭފުޅުންގެ ސިޔާސީ (ޕީޕީއެމް)ގެ ޕޯޑިއަމްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދުގެ ކަރު ބުރި ބުރިކޮށްލާނެ ވާހަކަ ވިދާޅުވެ އިންޒާރު ދެއްވާތަން ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. އެހެން ނަމަވެސް މިއިން އެއްވެސް ކަމަކަށް އެއްވެސް ޤާނޫނީ ފިޔަވަޅެއް އެޅުއްވި ތަން ފެނިފައިނުވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.