Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

އެމްއެންޔޫގެ ގުރެޖުއޭޝަން ބްރިޖް މަތީގައި ބާއްވަނީ

ސިނަމާލެ ބްރިޖް - ފޮޓޯ: މުހައްމަދު އަފްރާހު (އަވަސް)

ރާއްޖޭގެ ވެރިރަށް މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިމެނޭ ހުޅުލެ ގުޅުވާލާ ސިނަމާލެ ބްރިޖު މަތީގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ގްރެޖުއޭޝަން ބޭއްވުމަށް މިއަދު ނިންމައިފި އެވެ.

އެމްއެންޔޫ އިން ބްރިޖް މަތީގައި ދަސްވެނިވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމިކަން އިއުލާންކޮށްފައި ވަނީ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މުއިއްޒު ވިދާޅުވެފައި ވަނީ އެމްއެންޔޫގެ އެދުމުގެ މަތިން ސެޕްޓެމްބަރު 2 ވާ އާދިއްތަ ދުވަހުގެ ރޭ އެ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބްރިޖް މަތީގައި ބޭއްވުމުގެ ހުއްދަ ރައީސް އަބްދުﷲ ޔާމީން ދެއްވާފައިވާ ކަމަށެވެ.

"މަރުޙަބާ މި ތާރީޚީ ދަސްވެނިވުމުގައި ދަސްވެނިވާ ހުރިހާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނަށް"، މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ސިނަމާލެ ބްރިޖް މިރޭ ހުޅުވާއިރު، ބްރިޖް ހުޅުވުމަށް ބާއްވާ ކުލަގަދަ ހަފުލާގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ޕާޓީއެއްގެ މެމްބަރުންނަށް ވެސް ވަނީ ދައުވަތު ދީފައެވެ.

ބްރިޖު ހުޅުވާއިރު އެންމެ ބޮޑު އެއް ކަމަކަށް އޮންނާނީ ހަވާ އެރުވުމާއި ލޭޒާ ޝޯގެ އިވެންޓެއް ކަމަށާއި އެގޮތުން ބޮޑު ސްކޭލެއްގައި ހަވާ އަރުވަން ނިންމާފައިވާ ކަމަށާއި އެމްއެންޑީއެފްއާ ގުޅިގެން އެކަން ކުރިޔަށް ގެންދަނީ މުޅި ދުނިޔޭގައި ވެސް ހަވާ އެރުވުމުގެ ރެކޯޑު އޮންނަ ފަރާތް ކަމަށް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ހަވާ އަރުވާ ފަރާތުން ވިދާޅުވަނީ މި ސަރަހައްދުގައި މިހާތަނަށް ބާއްވާ އެންމެ ރީތި ފަޔާ ވޯކްސްއަށް މި ފަޔާވޯކްސް ވާނޭ ކަމަށް ކަމުގައި މުއިއްޒު ވިދާޅުވި އެވެ. މިއާރު ހަވާ އެރުވުމަކީ ދިވެހިންނަށް ވަރަށް އާންމު ކަމެއް ކަމުގައިވީ ނަމަވެސް މި ފަޔާ ވޯކްސްއަކީ މި މަޝްރޫއުގެ ބޮޑު މިނާއި މުހިންމު ކަމަށް ބަލާއިރު މި މަޝްރޫއަކީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލަދޭ ރައްޔިތުންގެ ތަރައްގީ އެތައް ގުނައަކަށް އުފުލި ޒުވާނުންގެ އުންމީދާ ގުޅިފައިވާތީ އެ ސްކޭލްގެ ފަޔާވޯކް އަކަށް ވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖްގެ މަޝްރޫއަށް 220 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާއިރު ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުރެއެވެ. ބްރިޖްގައި ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވާ ދެ ލޭން އާއި، ސައިކަލްތަކަށް ވަކި ލޭން އަކާއި، ބައިސްކަލުގައި އަދި ހިނގާފައި އުޅޭ ފަރާތްތަކަށް ވަކި ލޭންއެއް ހިމެނެއެވެ.