Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ފުލުހުންގެ އިރުޝާދާއި ޚިލާފަށް އިބޫ ކޮލަމާފުއްޓަށް ދާން ނިންމަވައިފި

އިއްތިހާދުގެ ކެންޑިޑޭޓު އައްޑޫގައި

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) މި ދަނޑިވަޅުގައި ގއ. ކޮލަމާފުއްޓަށް ދަތުރުނުކުރައްވާ މަޑުކޮށްލެއްވުމަށް ފުލުހުން އެ މަނިކުފާނު އަރިހުން އެދިވަޑައިގެންނެވި ނަމަވެސް، ގއ. އަދި ގދ. އަތޮޅަށް އިބޫ ކުރައްވާ ދަތުރުފުޅަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އިދިކޮޅުން ބުނެފި އެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިބޫގެ ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވީ އެއީ ފުލުހުންގެ ވަރަށް ޒިންމާދާރުކަން ކުޑަ އެދުމެއް ކަމަށެވެ.

މާރިޔާ ވިދާޅުވީ ކެންޑިޑޭޓްގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ އެމްއެންޑީއެފްއިން ކަމަށްވާއިރު، ކޮލަމާފުށީގައި އިބޫއަށް ރައްކާތެރިކަން ނެތް ކަމަށް ފުލުހުން ބުނުމަކީ އެމްއެންޑީއެފްގެ އަގު ވެއްޓޭ ކަމެއް ކަމަށެވެ. އަދި ކޮލަމާފުށީގައި ހިނގައިދިޔަ ކަންކަމާ ގުޅިގެން މިހާތަނަށް އެމްއެންޑީއެފްއިން އިރުޝާދެއް ދީފައިނުވާ ކަމަށާއި، ނަމަވެސް އިބޫގެ ސެކިއުރިޓީ އެމްއެންޑީއެފްއިން އިތުރުކޮށްފައިވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން، ގއ. އަދި ގދ. އަތޮޅަށް މާދަމާ އިބޫ ފައްޓަވާ ދަތުރަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށާއި ދަތުރުގައި ވަޑައިގަންނަވާ ރަށްތަކުގެ ތަރުތީބަށް ވެސް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، ކެންޑިޑޭޓް ރަށްރަށަށް ދަތުރު ކުރައްވަނީ ތާއިދު އިތުރު ކުރެއްވުމަށް ކަމަށާއި ކޮލަމާފުއްޓަށް ވެސް ވަޑައިގަންނަވަނީ އެ މަޤްސަދުގައި ކަމަށެވެ.